ހުޅުމާލެ އޮންނަންޖެހޭނީ މާލެއާ ވަކިން ވަކި ސިޓީއެއްގެ ގޮތުގައި: ޝަމްހީދު
ހުޅުމާލެ އޮންނަން ޖެހޭނީ މާލެއާ ވަކިން, ވަކި ސިޓީއެއްގެ ގޮތުގައި ކަމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ. 'އެކްސް'ގައި ޝަމްހީދު މިއަދު ލިޔުއްވިގޮތުގައި މާލެއާ އަޅާ ބަލާއިރު ހުޅުމާލެއަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ، ތަފާތު ތަނެކެވެ. "ހުޅުމާލެއަށް ހައްގީ މާލެއާ ވަކިން، މިނިވަން ސިޓީ ކައުންސިލެއް، މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހުޅުމާލެއަށް ދޭންޖެހޭ ވަރަށް އިސްކަން ނުދީފާނެ، އަދި އެހެން ސިޓީއެއްގެ ކައުންސިލަރުން ހުޅުމާލޭގެ ކަންކަމަށް ބަސް ކިއުމަކީ އެންމެ ރަނގަޅު އުސޫލެއްނޫން،" ޝަމްހީދު ލިޔުއްވާފައިވެއެވެ. https://x.com/Ashamhyd/status/1984933843527479412 އޭނާ އިތުރަށް ލިޔުއްވިގޮތުގައި ސިޓީއެއް ނުވަތަ ތަނެއް ބަލަހައްޓައި އެ ތަނެއްގެ ކަންކަމަށް ބަސްކިޔަންވާނީ އެ ތަނެއްގައި ދިރިއުޅޭ، އާދަކާދައާއި ސަގާފަތް ދަންނަ ބައެކެވެ. އެހެންވެ، ޝަމްހީދު ވަނީ ހުޅުމާލެ ވަކި ދާއިރާއަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފައެވެ. މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހުޅުމާލެ އޮތް ނަމަވެސް، ސިޓީ ކައުންސިލަކަށް އެއްވެސް ބާރެއް ނޯވެއެވެ. ހުޅުމާލޭ ސަހަރާ ފިޔަވައި، ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހައުސިން ޑިވޮލްޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. އެޗްޑީސީ، ނުވަތަ "ކުންފުންޏެއް"ގެ ދަށުގައި ހުޅުމާލޭގެ ކަންކަން އޮތުމުން މާލޭ ސިޓީ ކައުންސިލުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އޭރުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި މިހާރުގެ މެންބަރު އިބްރާހިމް ޝުޖާއު އިންނެވި އިރު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރަން ވެސް ވަކާލާތުކުރެއްވިއެވެ. އެއާއެކު، ޝަމްހީދު މިފަދައިން ގޮވާލައްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގައި ދެމިއޮތުމާ މެދު އެ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގައި ވޯޓެއް ނަގާފައިވާ ދަނޑިވަޅެއްގައެވެ. އެ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވާން ނިންމިއިރު، ފޭދޫން ނިންމީ ކައުންސިލްގައި ދެމި އޮތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ