އިދިކޮޅު ކައުންސިލަރުން ހޮވައިފިނަމަ ތަރައްގީއަށް ހުރަސްއެޅިދާނެ ކަމުގެ ނުސީދާ އިންޒާރެއް މުއިއްޒު ދެއްވައިފި އިދިކޮޅު ކައުންސިލަރުން ހޮވައިފިނަމަ ތަރައްގީއަށް ހުރަސްއެޅިދާނެ ކަމުގެ ނުސީދާ އިންޒާރެއް މުއިއްޒު ދެއްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުން ހޮވައިފިނަމަ ރަށްރަށާއި ސިޓީތަކުގެ ތަރައްގީއަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު މިރޭ ވާހަކަ ދައްކަވައިފި އެވެ.
ވެރިކަމަށް ދެ އަހަރު ފުރުމާ ދިމާކޮށް ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތަރައްގީގެ މަސައްކަތުގައި މިހާރެކޭ އެއްގޮތަށް ސަރުކާރާއެކު ކުރިއަށް ދިޔުމަށް ރައްޔިތުން ކައިރި އެދޭ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ތަރައްގީގެ މަސައްކަތްތަކަށް އެޅޭ ހުރަހަކަށް ނުހެއްދެވުމަށް ވެސް ގޮވާލެއްވި އެވެ.
"ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ވިންދާއި އިހުސާސާއި އެއްގޮތަށް ސަރުކާރުގެ މަޝްރޫއުތައް ތަންފީޒުކުރުމަށްޓަކައި ފުރިހަމައަށް އެއްބާރުލުން ދޭނެ ކައުންސިލަރުންތަކެއް ހޮވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ދިވެހިރާއްޖޭގެ ރައްޔިތުން ނިންމަވާނެ ގޮތް. އެއީ އަޅުގަނޑު އެދޭ ގޮތް. އަޅުގަނޑު ކުރާ އިލްތިމާސް،" މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅު ކައުންސިލަރުން ހޮވައިފިނަމަ، މަޝްރޫއުތަކަށް ހުރަސްއެޅި "ސިޔާސީ ޖަގަޑާ" ހަދާނެ ކަމަށް ވެސް މުއިއްޒު މިރޭ ވިދާޅުވި އެވެ.
"އެއީ ކައުންސިލަރުން ކަމުގަ ވިޔަސް. ކައުންސިލްގެ ރައީސުން ކަމުގަ ވިޔަސް. ސިޓީތަކުގެ ކައުންސިލަރުން ކަމުގަ ވިޔަސް. ސިޓީތަކުގެ މޭޔަރުން ކަމުގަ ވިޔަސް. މި ކޮންމެ މަގާމަކަށް ހޮވާ މީހުންނަކީ އަޅުގަނޑާ އެކުގަ. އަޅުގަނޑު ދާ ސްޕީޑުގަ. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގަ. ރައްޔިތުންނަށް އަޅުގަނޑު ވީ ވައުދުތައް ފުއްދުމުގަ ފުރިހަމައަށް އެއްބާރުލުން، ހިތާއި ރޫހުން ދޭނެ ފަދަ ބަޔަކަށް ހަދައިދޭނެ ކަމީ އަޅުގަނޑު ރައްޔިތުން ކިބައިން އިލްތިމާސްކުރާ އަދި ޔަގީންކުރާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި އޮތް ފަސް ސިޓީ އަކީ ތަރައްގީ މަޑުޖެހިފައި އޮތް ތަންތަނަށް ވާން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު ހޮވާ މޭޔަރުންނަކީ އެމަނިކުފާނާއި އިދިކޮޅު ބަޔަކަށް ވާން ބޭނުން ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިއީ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން މުއިއްޒު މިފަދައިން ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ވެސް އިދިކޮޅު ކައުންސިލަރުންނާމެދު ތަފާތުކުރުން ގެންގުޅުއްވާފައިވެ އެވެ.
އެގޮތުން އިދިކޮޅު ކައުންސިލަރުންނާއި މޭޔަރުންނަށް ޖަލްސާތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދޭން ރައީސް އޮފީހުން ނިންމާފައިވެ އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ވެގެންދާނީ، މުއިއްޒުގެ ވެރިކަމުގެ މިޑް ޓާމު ނުވަތަ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ ތާއީދު އޮތް މިންވަރު ވަޒަންކުރެވޭނެ އިންތިހާބަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ