ފުލެޓުތައް ހަވާލުކޮށް ނިންމަން އެފްޑީސީން އައު ތާރީޚުތަކެއް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން, ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފުލެޓު ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވޭ އާ ތާރީޚުތަކެއް އެ ކުންފުނިން އިއުލާނުކޮށްފިއެވެ. އެފްޑީސީގެ ފުލެޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފުލެޓު ލިބުނު މީހުންނަށެވެ. ފާއިތުވި އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އެ ޓަވަރުގައި މީހުން ދިރިއުޅެން ފަށާފައިވެއެވެ. އެފްޑީސީން މީގެ ކުރިން ބުނީ، މިދިޔަ މަހުގައި ފުލެޓުތަކުގެ ހައްގުވެރިންނަށް ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށެވެ. އެކަމަކު، މިއަދު އެ ކުންފުނިން ވަނީ ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށް ލަފާކުރާ އާ ތާރީޚުތައް އާންމުކޮށްފައެވެ. އެގޮތުން، ފުލެޓުތައް ދީ ނިމޭނެ ތާރީޚެއްގެ ގޮތުގައި އަންނަ ޖަނަވަރީ މަހުގެ ފަހު ހަފުތާ ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން އާންމުކުރި މައުލޫމާތުގައިވެއެވެ. ފުލެޓުތައް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚުތައް: އަމާން އުދަރެސްގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުން ފުލެޓު: މި މަހުގެ ދެވަނަ ހަފުތާގައި އަމާން އުދަރެސްގެ އަށްވަނަ ޓަވަރުގެ ފުލެޓުތައް: ޖަނަވަރީގެ ތިންވަނަ ހަފުތާގައި އަމާން އުދަރެސްގެ އެއްވަނަ، ދެވަނަ، ތިންވަނަ، ހަތަރުވަަނަ އަދި ހަތްވަނަ ޓަވަރުގެ ފުލެޓުތައް: ޖަނަވަރީ ހަތަރުވަނަ ހަފުތާގައި އަމާން އުދަރެސްގެ ފަސްވަނަ އަދި ހަވަނަ ޓަވަރު: ޖަނަވަރީ ތިންވަނަ ހަފުތާގައި އަމާން އުދަރެސްގެ ނުވަވަނަ އަދި 10 ވަނަ ޓަވަރުގެ ފުލެޓުތައް: ޖަނަވަރީ ފަސްވަނަ ހަފުތާގައި އަމާން ދޯދި އެއްވަނަ، ދެވަނަ، ތިންވަނަ، ހަތަރުވަނަ، 12، 13، 14 ވަނަ ޓަވަރު: ޖަނަވަރީ ފަސްވަނަ ހަފުތާގައި އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު: ޖަނަވަރީ ދެވަނަ ހަފުތާގައި އަމާން ދޯދި ފަސްވަނަ، ހަވަނަ، ހަތްވަނަ، އަށްވަނަ، ނުވަވަނަ، 10 ވަނަ އަދި 11 ވަނަ ޓަވަރު: ޖަނަވަރީ ފަސްވަނަ ހަފުތާގައި އެފްޑީސީން މި ތާރީޚުތައް އިއުލާންކުރުމުގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިރާސީ އަހަރަށް ހުރިހާ ފުލެޓުތަކުގެ ހައްގުވެރިންނަށް ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޑިސެންބަރު މަސް ނިމޭއިރަށް ގިނަ މީހުންނާ ފުލެޓުތައް ހަވާލުކުރެވޭނެ ކަމަށް އެފްޑީސީއާ ހަވާލާދީ އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/214434 އަންނަ އަހަރު ދިރާސީ އަހަރު ފެށޭނީ ޖަނަވަރީ 27 ގައެވެ. ދެ ކޮޓަރިއާއި ތިން ކޮޓަރީގެ މި ފުލެޓުތަކަކީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ބިނާކުރި ފުލެޓުތަކެކެވެ. މި ޓަވަރުތަކުގެ ތިން ކޮޓަރީގެ ފުލެޓަށް މެއިންޓެނަންސް ފީއާ އެކު ނަގަނީ 11،500 ރުފިޔާއެވެ. އަދި، ދެ ކޮޓަރީގެ ފުލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު މަހެއްގެ މައްޗަށް 8،000 ރުފިޔާ ނަގަން ކަނޑައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ