އެލްޖީއޭއިން ވަހީދު ސަސްޕެންޑުކުރީ ހެކި ނުދައްކާ، ފިޔަވަޅު ބަލައެއް ނުގަންނަން: ހޯރަފުށީ ކައުންސިލް
ކައުންސިލްގެ ރައީސް ހިމެނޭހެން ވަކިވަކި ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ނިންމިއިރު، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނެރުނު ރިޕޯޓުގައިވާ ކަންކަން ސާބިތުކުރެވޭނެ ހެކިތައް ނުދައްކާ ކަމަށާއި ނިންމުން ބަލައިނުގަންނަ ކަމަށް ހޯރަފުށީ ކައުންސިލުން މިއަދު ބުނެފިއެވެ. ޖުމުލަ ހަތް މައްސަަލައެއް ފާހަގަކޮށް، އެލްޖީއޭއިން ވަނީ ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފައެވެ. އަދި، ބާކީ ތިބި ހަ ކައުންސިލަރުންނަށް ވަނީ ނަސޭހަތްދީފައެވެ. 'ސަން'އިން ސުވާލުކުރުމުން ހޯރަފުށި ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އިމްދާޙު ވިދާޅުވީ، އެލްޖީއޭގެ ބަޔާނުގައިވާ ކަންކަން ސާބިތުކުރެވޭނެ ހެތްކެއް ދައްކާފައިނުވާ ކަމަށެވެ. https://www.sun.mv/215038 ވަޙީދު ސަސްޕެންޑުކުރުމަށް އެލްޖީއޭއިން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް އިމްދާޙު ވިދާޅުވިއެވެ. ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު: އެލްޖީއޭއިން ވަނީ ވަޙީދު ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފަ --- ފޮޓޯ: ހޯރަފުށި ކައުންސިލްގެ އިދާރާ "މުޅި ކައުންސިލާއި ހުރިހާ މުވައްޒަފުން ވެސް [ފިޔަވަޅު] ގަބޫލެއްނުކުރަން. ރައީސަށް އެޅި ފިޔަވަޅަކީ އަޅުގަނޑުމެން ކައުންސިލުން ގަބޫލުކުރަން ޖެހޭ ފިޔަވަޅެއް ނޫން،" އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ، އެލްޖީއޭގެ ބަޔާނުގައިވާ ކަންކަން ދިރާސާކުރަމުން ދާތީ އިތުރު ތަފުސީލު ހިއްސާކުރެވެން އަދި ނެތް ކަމަށެވެ. އެލްޖީއޭގެ ބަޔާނާ ގުޅިގެން ވަޙީދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އިއްޔެ ނެރުނު ބަޔާނުގައި އެލްޖީއޭއިން ބުނީ، ވަޙީދަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑުކުރުމަށް ނިންމާމީ މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި، އެ އިދާރާއަށް ހުށަހަޅާފައިވާ ޝަކުވާތަކާ އެކު، ހަތް މައްސަލައެއްގެ އިންކުއަރީއަކަށް ފަހު ކަމަށެވެ. އިންކުއަރީގައި އެލްޖީއޭއިން ބެލި މައްސަލަތަކަކީ: މި އަހަރު ތިލައުތުރު އަންހެނުންގެ ވޮލީ މުބާރާތް ބޭއްވުމުގައި މާލިއްޔަތު ގަވައިދާ ޚިލާފަށް ކައުންސިލުން ޚަރަދުކުރި މައްސަލަ މާލިއްޔަތު ގަވައިދާ ޚިލާފަށް 2023ވަނަ އަހަރު ކައުންސިލުން ރަށު ބަނދަރު ސަރަހައްދުގައި އިންދަން ކަދުރު ރުށްތަކެއް ގަތް މައްސަލަ ލޭންޑް ޔޫޒް ޕްލޭނާ ޚިލާފަށް ކައުންސިލުން ރަށުގެ ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވުން 1446ވަނަ އަހަރުގެ އަޟްހާ ޢީދު ކުޅިވަރާއި ސްޓޭޖުލައިޓާއި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވައިދާ ޚިލާފަށް ކައުންސިލުން ޚަރަދުކުރި މައްސަލަ ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑު ކޮމިޓީގައި ތިބޭ ކަމަށް ބުނެ، އެލްޖީއޭއަށް ހުށަހެޅި މައްސަލަ މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައޫލޫމާތު ކައުންސިލުން ނުދޭ މައްސަލަ 1446 ވަނަ އަހަރު އަޟްހާ ޢީދަށް ރަށުތެރެ ދިއްލުމަށް ބޭނުންވާ ލައިޓު ގަތުމަށް ބައިބަޔަށް ބަހައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާ ޚިލާފަށް ދޫކޮށް، އެތަކެތި ކައުންސިލަށް ލިބިފައިނުވާ މައްސަލަ މީގެ އިތުރުން، އިންކުއަރީއަށް ފަހު ވަޙީދު ސަސްޕެންޑުކުރީ، ގާނޫނާ ގަވައިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވަނީ އޭނާއަށް ކަމަށްވެފައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ޚިލާފުވެފައިވާކަން ފާހަގަކުރެވޭތީ ކަމަށް އެލްޖީއޭއިން ބުނެއެވެ. އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ދީފައިވާ ލަފައަށް ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެ ކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާ ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ. މީގެ ކުރިން ވެސް އެލްޖީއޭއިން މައްސަލަތައް ބަލައި، ކައުންސިލަރުން ސަސްޕެންޑުކޮށްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ