އެމްއެންޔޫއިން ހިންގާ މީޑިއާ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ސަރުކާރުން ދައްކަނީ
މީޑިއާއާ ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ސަރުކާރުން ބައިވެރިވުމާ ގުޅޭ ގޮތުން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާއި ޔޫތު މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ. އަދި ނެޝަނަލް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ އާއިޝަތު ޝެހެނާޒު އާދަމެވެ. ޔޫތު މިނިސްޓްރީން ބުނީ އެ ފަހުމުނާމާގެ ސަބަބުން މިނިސްޓްރީއާއި ޔުނިވާސިޓީގެ މަސައްކަތްތައް ހަލުވިވެ، ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އެ ފަހުމުނާމާގެ ދަށުން ޔުނިވާސިޓީން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވާސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު، ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ނެގުމަށް އެމްއެންޔޫއިން އެހީތެރިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ޔުނިވާސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި މީޑިއާއާ ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު ވަނީ ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ބައިވެރިވުމަށް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، އެފަދަ އެކި ތައުލީމީ ޕްރޮގްރާމުތަކުން ދަސްވާ އެއްޗަކާ، މަސައްކަތުގެ ތަޖުރިބާގައި ދަސްވާ އެއްޗަކާ ވަރަށް ތަފާތުވާނެ ކަމަށެވެ. ރާއްޖޭގެ ގާތްގަނޑަކަށް 90 އިންސައްތަ ނޫސްވެރިންނަކީ ސްކޫލް ނިންމާ ގޮތަށް މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނޫސްވެރިކަމަށް ވަދެ، އެ ކަމުގެ ތެރެއިން ދަސްވާ އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ މީހުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން އުނގެނުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލައްވާފައިވެއެވެ. ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު: މީޑިއާ ޕްރޮގްރާމުތަކުގައި ބައިވެރިވާން ނޫސްވެރިންނަށް އިލްތިމާސްކުރެއްވި -- ފޮޓޯ/ ޔޫތު މިނިސްޓްރީ "އަޅުގަނޑު ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާނަމަ ދަންނަވާނީ މި ޕްރޮގުރާމުތަކުގައި ބައިވެރިވާށޭ، ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތު ވާނެ، ތިބޭފުޅުންނަށް އެނގޭ މިންވަރު ތަފާތު ވާނެ، ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސް ކުރާ އެއްޗާ ލިޔާ އެއްޗާއި ހަމަ ތަފާތުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު، މިނިސްޓަރު ވަނީ މީޑިއާގައި ހަރަކާތްތެރިވާ އެންމެން ވެސް ކުރު ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން ޑިގްރީ، މާސްޓާސް އަދި ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުގެ ފަރާތުން ކޯސް ފީއަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނޭ ގޮތަށް، މިކަމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ނޫސްވެރިންނަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިނިސްޓަރު ވަނީ އަންނަ އަހަރު ގައުމީ ޔުނިވާސިޓީގައި ނޫސްވެރިކަމުގެ މާސްޓާސް ޕްރޮގްރާމެއް ފެށުމުގެ މަސައްކަތްތައް ކުރާނެކަން ހާމަކުރައްވައިފައެވެ. https://sun.mv/213337 ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ދަށުން، މި ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމަށް ނިންމައިފައެވެ. އެގޮތުން 18 މީޑީއާއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން މިނިސްޓްރީން އިއުލާންކުރިއެވެ. އެހެންނަމަވެސް ފައިސާ ކަނޑައަޅައިފައިވާ ގޮތުން ފާޑުކިޔުން އަމާޒުވުމުން އެ ނިންމުން ބާތިލުކޮށް، ފައިސާ ދިނުމުގެ މަސައްކަތް ވަނީ މި ސަރުކާރުން އެކުލަވާލި މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައެވެ. މި ސަރުކާރުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް އެކުލަވާލި އެ ކޮމިޝަނަށް ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން މަޖިލީހުން ބައެއް މެންބަރުން އައްޔަންކުރާ އެ ކޮމިޝަނާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫއަރާ ކަމަށް ބުނެ ފާޑުކިޔައިފައިވެއެވެ. ނަމަވެސް ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ