ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ތުރުކީގެ 1024 ކުޅުންތެރިއަކު ސަސްޕެންޑުކޮށް، ފީފާގެ އެހީއަށް އެދިއްޖެ
ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ތުރުކީގެ ފުޓުބޯޅަ ކުލަބުތަކުން ސަސްޕެންޑުކުރި 1024 ކުޅުންތެރިންނާއެކު, ކުލަބުތަކަށް ކުޅުންތެރިން ހަމަނުވުމުގެ މައްސަލަ ބޮޑުވެ ފީފާގެ ކިބައިން އެކަން ހައްލުކޮށްދޭން އެދިއްޖެއެވެ. ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަނުން ފީފާގެ އެހީއަށް އެދުނީ ކުޅުންތެރިން މަދުވާ ކުލަބުތަކަށް ވަގުތީ ޓްރާންސްފާ ވިންޑޯއެއް ހުޅުވައިދިނުމަށެވެ. ތުރުކީ ފުޓްބޯޅަ ފެޑަރޭޝަނުން ބޭނުންވަނީ ކުލަބު ވޯލްޑްކަޕަށް ކުޅުންތެރިން ވީއްލައިދިނުމަށް ދިން ކަހަލަ ފުރުސަތެއް އެ ފެޑެރޭޝަނެއް ދިނުމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ފީފާއިން ވަކި އެއްޗެއް އަދި ނުބުނެއެވެ. ނަމަވެސް ގިނަ މަޝްވަރާތަކެއް މިހާރުވެސް ދަނީ ކުރިއަށެވެ. ތުރުކީން 1024 ކުޅުންތެރިން ސަސްޕެންޑުކުރީ ބެޓު ކުރުމުގެ ބޮޑު ތަހުގީގެއްގެ ތެރެއިންނެވެ. މި ކުޅުންތެރިންގެ ތެރޭގައި ބޮޑު އަގުގައި އެ ކުލަބުތަކަށް ގެނެސްފައިވާ ކުޅުންތެރިންނާއި، ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން މި ތަހުގީގުގެ ތެރެއިން 149 ރެފްރީއަކު ވެސް ވަނީ އެއް އަހަރަށް ސަސްޕެންޑުކޮށްފައެވެ. ތުރުކީގެ ފުޓްބޯޅަ ފެޑަރޭޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ 571 ރެފްރީންގެ ތެރެއިން 371 ރެފްރީން ވަނީ ބެޓިން އެކައުންޓްތައް ހަދާފައެވެ. މީގެއިތުރުން ވެސް ދެހާހެއްހާ ކުޅުންތެރިންގެ މައްސަލަ އެ އިދާރާއިން ބަލަމުންދެއެވެ. ބެލެވޭގޮތުގައި އިތުރު ކުޅުންތެރިންނަށް ވެސް މި ތަހުގީގުގައި ފިޔަވަޅު އެޅުން ގާތެވެ. ބެޓުކުރުމަކީ ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަނުން ހަރުކަށި ގަވާއިދުތަކެއްގެ ދަށުން، މީގެ 10 އަހަރު ކުރިން މަނާކޮށްފައިވާ ކަމެކެވެ. މިހާރު ފެންމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އެ ގައުމުގެ އެކި އިދާރާތައް ގުޅިގެން ފުޅާދާއިރާއެއްގައި ދަނީ ތަހުގީގުތަކެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ