އިރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ގާތްވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިރާނާއެކު ގާއިމުކުރާ ސުލްހައިގެ އެއްބަސްވުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 
މި އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނޭ ކަމަށާއި، މީގެ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވި އެވެ. މި އެއްބަސްވުމަކީ އެމެރިކާއާއި، އިރާނުގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކުގެ މެދުގައި އެކުލަވާލެވޭ "ސުލްހައިގެ ފަހުމުނާމާ" އެއް ކަމަށް ރައީސް ޓްރަމްޕް ސިފަކުރެއްވި އެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރު ފަދަ ގައުމުތަކުގެ ވެރިންނާއެކު އެމަނިކުފާނު ވަނީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ބާއްވަވާފަ އެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ކުރެއްވި ފޯނު ކޯލުވެސް ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރަމްޕް ބާރުއަޅުއްވައި ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އިރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު މުޅިން ބަންދުވެގެންދާނެ ކަމަށެވެ.
މި މަޝްވަރާތަކާ ގުޅޭ ގޮތުން އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ފާއިތުވި ހަފުތާގައި ދެ ގައުމުގެ ވިސްނުން އެއްގޮތްވަމުން އައި ނަމަވެސް، މުހިންމު ކަންކަމުގައި އަދި މުޅިން އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިރާނުން މަސައްކަތް ކުރަނީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އޮނިގަނޑެއްގެ ދަށުން އެއްބަސްވުމަކަށް އައުމަށެވެ. އަދި ކުރިއަށް އޮތް 30 ނުވަތަ 60 ދުވަހުގެ ތެރޭގައި އިތުރު މަޝްވަރާތައް ބާއްވައި، ދާއިމީ އެއްބަސްވުމަކަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ރައީސް ޓްރަމްޕް ކުރައްވަމުންދާ މަސައްކަތްޕުޅަށް މަރުހަބާ ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ ޓްރަމްޕާއެކު ކުރެއްވި މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއް ކަމަށާއި، މަޝްވަރާތަކުގެ ދެން އޮންނަ ބުރު ޕާކިސްތާނުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުމެއް އުފެދުނެވެ. އޭގެ ރައްދުގައި އިރާނުން ވަނީ އިޒްރޭލަށާއި ގަލްފުގެ ބައެއް ގައުމުތަކަށް ހަމަލާދީފަ އެވެ.
އޭޕްރީލް މަހުގެ ކުރީކޮޅު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު، އެމެރިކާއިން ވަނީ އިރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، މި ބްލޮކޭޑްގެ ސަބަބުން އިރާނުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ.
މި އެއްބަސްވުމުގެ ވާހަކަތައް ދެކެވެމުންދާއިރު، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެގައުމަށް ކަމަށް އިރާނުން ދަނީ ބުނަމުންނެވެ. ނަމަވެސް އެމެރިކާއާއި އެގައުމުގެ ބައިވެރިން ވަނީ އެކަން ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ