ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އާއި އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ދެކޮޅަށް ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓީނީ ޖިނާއީ އަދި ސިވިލް ދައުވާތަކެއްގެ މައްސަލަ ކޯޓަށް ހުށައަޅައިފި އެވެ.
ފީފާގެ ރައީސް ކަމަށް ކުރިން ވާދަކުރި ޕްލެޓީނީ އަށް އެ އިންތިހާބާއި ދުރަށް ދާން ޖެހުނީ އޭނާގެ މައްޗަށް ފީފާއިން ކުރި ކޮރަޕްޝަނުގެ މައްސަލަ އާއި ގުޅިގެން އޭނާ ސަސްޕެންޑް ކުރުމުގެ ސަބަބުންނެވެ.
ފްރާންސްގެ ޕެރިހުގެ ކޯޓަށް ޕްލެޓީނީ ހުށައަޅާފައިވާ ޖިނާއީ މައްސަލައަކީ ފީފާގެ މިހާރު ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭރު ފީފާގެ ލީގަލް ޑިރެކްޓަރ މާކޯ ވިލިގަރގެ އިތުރުން ފީފާގެ އޮޑިޓް ކޮމިޓީގެ ޗެއަރމަން ޑޮމެނިކޯ ސްކާލާ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ޕްލެޓީނީ އަށް ފީފާގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ.
އަދި އޭނާ ފީފާ އާއި ދެކޮޅަށް ހުށައަޅާފައިވާ ދައުވާ އަކީ އޭނާއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ކުރާ ދައުވާ އެކެވެ. އެއީ އޭރު ފީފާއިން އަމަލުކޮށްފައިވަނީ އޭނާއަށް އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތެއް ހެދުން ކަމަށް ޕްލެޓީނީ ވަނީ ތުހުމަތުކޮށްފަ އެވެ.
2015 ވަނަ އަހަރުގެ ފަހުކޮޅު ޕްލެޓީނީގެ މައްޗަށް ކުރި ތުހުމަތަކީ ފީފާ އިން ޕްލެޓީނީ އަށް 2.51 މިލިއަން އެމެރިކާ ޑޮލަރުގެ ޕޭމަންޓެއް ދީފައިވާ މައްސަލަ އެވެ. މި ޕޭމަންޓަކީ 2011 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް ޖޯސެފް ސެޕް ބްލެޓަރ ހުއްދަ ދީފައިވާ އަދަދެކެވެ.
މި ތުހުމަތާއިއެކު ފީފާގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޕްލެޓީނީއަށް ގެއްލި އޭނާ އާއިއެކު އެންމެ ގާތުގައި ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރި އިންފަންޓީނޯ ވަނީ ފީފާގެ ރައީސް ކަމުގެ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
ފީފާ އާއި އިންފަންޓީނޯ އާއި ދެކޮޅަށް ޕްލެޓީނީ މައްސަލަ ހުށައަޅާފައިވާއިރު, މި މައްސަލަ ސްވިޒަލޭންޑްގެ ކޯޓަކުން ބެލުމަށްފަހު 2025 ވަނަ އަހަރުގެ މާޗް މަހު ވަނީ ޕްލެޓީނީ އާއި ބްލެޓަރ ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކޮށްފައިނުވާކަމަށް ނިންމާފަ އެވެ.
މި މައްސަލަ އާއި ގުޅޭ ގޮތުން ފީފާ އިން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު, މީގެ ކުރިން ފީފާ ވަނީ އެފަދަ ނުފޫޒެއް ފޯރުވާފައިނުވާނެކަމަށް ބުނެފަ އެވެ.
ފީފާ އާއި އިންފަންޓީނޯ އާއި ދެކޮޅަށް ޕްލެޓީނީ ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ