ކައުންސިލުން ސާފުކޮށްނުދިނުމުން ބިން ބޭނުމެއް ނުކުރެވުނު، 4 ލައްކަ ރުފިޔާ ދޭކަށް ނުޖެހޭ: ސައުދުﷲ

ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ނުދައްކާ އޮތް ހަތަރު ލައްކަ ރުފިޔާއަކީ ދައްކަންޖެހޭނެ ފައިސާއެއް ނޫން ކަމަށާއި، ކައުންސިލުން ބިން ސާފުކޮށްނުދިނުމުގެ ސަބަބުން މިހާތަނަށް ވެސް ބިން ބޭނުންކުރެވިފައި ނުވާކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ. ތިނަދޫ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލަށް ބިމު ކުލި ނުދައްކާ 50 ފާރާތެއްގެ ނަން ހާމަކޮށްފައެވެ. އެއީ ތިނަދޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ބިމު ކުއްޔާއި، ޖޫރިމަނާގެ ގޮތުގައި އެ ކައުންސިލަށް ނުލިބި 29،954،660.46 ދިވެހި ރުފިޔާ ނުދައްކާ ފަރާތްތަކުގެ ލިސްޓެވެ. https://sun.mv/208784 އޭގެ ތެރޭގައި މެންބަރު ސައުދުﷲ ހިލްމީގެ ވިޔަފާރި ކުންފުނި، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، މިމްސް ކޮންސްޓްރަކްޝަން ކުންފުނީގެ އިތުރުން އޭނާގެ ހަރުގެއެއް ވެސް ހިމެނެއެވެ. ސްވިފްޓް އިންޖިނިއަރިން ކުންފުނިން 89،695.89 ރުފިޔާ އަދި މިމްސް ކޮންސްޓްރަކްޝަނުން 44،625.82 ރުފިޔާ ދައްކަން ޖެހޭއިރު، އޭނާގެ ނަންމަތީގައި އޮތް ހަރުގެއިން 433،155.10 ރުފިޔާ ދައްކަންޖެހެއެވެ. އެކަމާ ގުޅިގެން މެންބަރު ސައުދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާގެ ނަން މަތީގައި އޮތް ބިމަކީ އޮގަސްޓު 01، 2023ގައި ކުއްޔަށް ނެގި ހަރުގެ ބިމެއް ނަމަވެސް، މިހާތަނަށް އެ ބިމުގެ ބޭނުން ހިފޭގޮތް ނުވާކަމަށެވެ. ސަބަބަކީ އެ ބިމުގައި ފުރަތަމަ ދުވަހުން ފެށިގެން ކޮންމެވެސް ބައެއްގެ ކޮންޓެއިނަރަކާއި ގުދަނެއް ހުރުމުން ކަމަށާއި ކައުންސިލުން އެ ބިން ސާފުކޮށްދީފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ. އަޅުގަނޑު ވިސްނައިގެން ހުރީ ކައުންސިލުން ބިން ސާފުކޮށްދީފައި ނުވާތީ އެތަނުގެ ބޭނުން އަޅުގަނޑަށް ކުރެވެން ނެތުމުން އަދި އެ ބިމުގެ ބޭނުން އެއްގޮތަކަށް ވެސް އަޅުގަނޑު ނުކުރާތީ، އެ ބިމަށް އަޅުގަނޑު ކުލި ދައްކަން ނުޖެހޭނެ ކަމަށް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެހެންނަމަވެސް މިދިޔަ ޖޫން މަހު އެތަނުގެ ކުލީގެ ގޮތުގައި 100،000 ރުފިޔާގެ ޖޫރިމަނާއަކާއެކު 354،121.30 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ކައުންސިލުން އެންގި ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ކައުންސިލާ މުއާމަލާތުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މައްސަލައިގައި އޭނާގެ ވަކީލުން ލަފާދިނީ ބިމުގެ ބޭނުން ކުރެވޭގޮތަށް ހުސްކޮށްދީފައި ނުވާތީއާއި، އެ ބިމުގެ ބޭނުން އެންމެ ދުވަހަކު ވެސް ކޮށްފައިނުވާތީ ކުލި ނުދެއްކުމަށް ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި އަމުދުން އެފަދަ ބޮޑު ޖޫރިމަނާއެއް ދައްކަން ނުޖެހޭނެ ކަމަށާއި، ދައުވާ ކުރިނަމަވެސް ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން އެފަދަ ބޮޑު ޖޫރިމަނާއެއް ނަގައިނުދޭނެ ކަމަށް ވަކީލުން ލަފާދިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެ ބިން ބޭނުންކުރާނެ ސަބަބެއް ނެތުމުން ދޫކޮށްލާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. ސައުދުﷲ ވިދާޅުވީ، ޖޫރިމަނާ ފައިސާގެ ގޮތުގައި 115،000 ރުފިޔާ މިހާރު ދައްކަންޖެހޭ ކަމަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ކައުންސިލުން އެންގިކަމަށެވެ. އެއާއެކު މިހާރު ޖުމްލަ ފައިސާގެ ގޮތުގައި 433،155.10 ރުފިޔާ ކައުންސިލަށް ދޭން އެދިފައިވާ ކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ. އަޅުގަނޑު ބޭނުންނުކުރާ އަދި ބޭނުން ނުކުރެވޭ ބިމެއްގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ އަޅުގަނޑު ދައްކަން ނުޖެހޭނެކަމަށް ވަކީލުން ބުނާތީ އަޅުގަނޑު މިހާރު ނިންމާފައި މިވަނީ އެ ފައިސާ ނުދެއްކުމަށް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ސައުދުﷲއަށް ނިސްބަތްވާ ސްވިފްޓް އިންޖިނިއަރިން ކުންފުނިން 89،695.89 ރުފިޔާ އަދި މިމްސް ކޮންސްޓްރަކްޝަނުން 44،625.82 ރުފިޔާ ނުދެއްކި ލަސްވާ ސަބަބާ ގުޅިގެން އޭނާ ވިދާޅުވީ އެ ދެ ކުންފުންޏަކީ ވެސް ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގާ ދެ ކުންފުނި ކަމަށެވެ. އަދި 2021ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި އޮފީސްތަކަށް ހުށަހަޅާ ބިލުތަކަށް ފައިސާ ލިބުން ލަސްވަމުން ގޮސް ވަރަށް ބޮޑަށް ލަސްވުމުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އެ ފައިސާ ނުދެއްކެނީ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެ ދަތިތަކަކީ ކުންފުނިތަކުން ކުރި ކަމަކުން ދިމާވެފައިވާ ދައްޗެއް ނޫން ކަމަށާއި، އެއީ ދިވެހި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ވައްކަމާއި، ކޮރަޕްޝަނާއި، އިސްރާފު އިތުރުވުމުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެގެން އުޅޭ މާލީ ދަތިތަކެއް ކަމަށް ވިދާޅުވެ އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ