ވަސީލަތްތައް ހަމަޖެއްސުމުގައި މާލީ ދަތިކަމެއްނެތް: ޑރ. ނަޒްލާ

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޤާއިމުކުރަންޖެހޭ ވަސީލަތްތައް ޤާއިމުކުރުމުގައި މިވަގުތު މާލީ އެއްްވެސް ދަތިކަމެއް ނެތްކަމަކަށް ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ކޮމިއުނިކަބަލް ޑިސީސް ޑިޕާޓްމަންޓްގެ ހެޑް ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ސެންޓަރުގެ ފަރާތުން ކުރަމުންދާކަމަށެވެ.
އަދި އެކަންކަމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި، ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި މާލީގޮތުން އެއްވެސް ދަތިކަމެއް އަދި ނެތްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.ޑރ. ނަޒްލާ ވިދާޅުވީ، މާލީގޮތުން ދަތިކަމެއް ކުރިމަތިނުވި ނަމަވެސް، ރާއްޖެއަށްވެސް ބޭނުންވާ ތަކެތި ހޯދުމުގައި ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ގޮންޖެހުންތަކަކާއި ކުރިމަތިވާކަމަށެވެ.
އެގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ވަޞީލަތްތައް ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވާއިރު، އެކަން ރާއްޖެއަށްވެސް ކުރިމަތިވާކަމަށާއި، ނަމަވެސް މާކެޓުގައި ތަކެތި ލިބެންހުރި މިންވަރަކުން ވީ އެންމެ އަވަހަކަށް އެތަކެތި ރާއްޖެ ގެނެއުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ."މިވަގުތު ސާމާނު ހޯދުމާއި ފެސިލީޓީޒް ހޯދުމުގައި މާލީ ދަތިކަމުގެ ސަބަބުންނޭ ކިޔާފައި، ކަމެއް ނުވެފައެއްނެތް. އެފަދަ ދަތިކަމެއް ނެތް. ނަމަވެސް އެނގިވަޑައިގަންނަވާނެ ދުނިޔޭގެ އެންމެ މުއްސަނދި ކުރިއަރާފައިވާ ޤައުމުތަކަށްވެސް ސާމާނު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަން. ނަމަވެސް އަޅުގަނޑުމެންވެސް މަސައްކަތް ކުރަނީ އެ ސާމާނު ވީ އެންމެ އަވަހަކަށް ހޯދުމަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތައް އެ ސެންޓަރުގެ ފަރާތުން ބަލަމުންދާއިރު، ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ އާއްމުންގެ ތެރޭގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މި ބަލި ފެތުރޭތޯ ބެލުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ