ކޮވިޑް-19: މަރުވި މީހުންގެ އަދަދު 30،000 އަށް

ޕެރިސް (މާޗް 29) - ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެ އިން މަރުވި މީހުންގެ އަދަދު މިރޭ 30،000 އަށް ވުރެ މައްޗަށް ޖެހިއްޖެ އެވެ.
މިރޭ 12 އާ ހަމައަށް މަރުވި މީހުންގެ އަދަދު 30،302 އަށް އަރާފައިވާ އިރު އޭގެ ތެރޭން ތިންބައިކުޅަ ދެބައި މީހުން މަރުވެފައި ވަނީ ޔޫރަޕުންނެވެ. ޔޫރަޕުން 21،334 މީހުން ވަނީ މަރުވެފަ އެވެެ. އިޓަލީން އެކަނިވެސް ވަނީ 10،023 މީހުން މަރުވެފަ އެވެ. ސްޕޭނުން ވަނީ 5،812 މީހުން މަރުވެފަ އެވެ.
މުޅި ދުނިޔޭގައި މިހާތަނަށް 651،595 މީހުން ޕޮޒިޓިވްވިއިރު މިއަދު އެކަނި ވަނީ 55،283 މީހުން ޕޮޒިޓިވްވެފަ އެވެ. މިއަދު އެކަނި ވަނީ 2،960 މީހުން މަރުވެފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިހާރު އެންމެ ގިނައީ އެމެރިކާގަ އެވެ. އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު މިރޭ ވަނީ 116،851 އަށް އަރައިފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 12،725 މީހުން ޕޮޒިޓިވްވެފަ އެވެ. އިޓަލީން 92،472 މީހުން ޕޮޒިޓިވްވިއިރު ސްޕޭނުން ވަނީ 72،248 މީހުން ޕޮޒިޓިވްވެފަ އެވެ. މީގެ ތިން މަސް ކުރިން ކޮރޯނާވައިރަސް ފެނުނު ޗައިނާ އިން ރޯގާ ކޮންޓްރޯލްކުރި އިރު އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 81،394 މީހުންނެވެ. ޗައިނާ އިން މަރުވީ 3،295 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ