އިޓާލިއަން ލީގު ފުރިހަމަކުރަން ޖެހޭ: ލިއްޕީ

ރޯމް (އޭޕްރިލް 1) - އަންނަ ސީޒަން ފެށުން ލަސްވިޔަސް މި ސީޒަނުގެ އިޓާލިއަން ލީގު ފުރިހަމަކުރަން އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކޯޗު މާސެލޯ ލިއްޕީ ގޮވާލައިފި އެވެ.
ކޮރޯނާވައިރަހާ ގުޅިގެން މެދުކަނދާލާފައިވާ ލީގު އެންމެ އަވަހަށް ފެށޭނެ ކަމަށް ވެސް ބެލެވެނީ މޭ މަހު އެވެ. އެ މަހުގެ ތެރޭ ލީގު ފަށައިގެން ފުރިހަމަކުރަން ވަގުތު ދިނުމަށްޓަކައި، ޖޫން/ޖުލައި ގައި ބާއްވަން ރާވާފައި އޮތް ޔޫރޯ އާއި ކޮޕާ އެމެރިކާ ވަނީ ފަސްކޮށްފަ އެވެ.
އެކަމަކު ހާލަތު މިހާރު އޮތްގޮތުން އަންނަ މަހު ވެސް ލީގު ނުފެށިދާނެ އެވެ. އެފަދަ ހާލަތެއްގައި ލީގު ކެންސަލްކޮށްފާނެ ކަމަށް ވާހަކަ ދެކެވެ އެވެ. ނުވަތަ ތާވަލުގައި މިހާރު ޓީމުތައް ރޭންކުކުރެވިފައިވާ ގޮތަކީ ފައިނަލް ރޭންކްކަމަށް ބަލައި ވަނަތައް ކަނޑައަޅާފާނެ އެވެ.
އިޓާލިއަން ލީގުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް އޭގެ ތެރެއިން ޔުވެންޓަސް އަށް ފަސް އަހަރު ލީގު ކާމިޔާބުކޮށްދިން ލިއްޕީ ބުނީ އޭނާގެ ހިޔާލަކީ ހާލަތު ރަނގަޅުވުމާ އެކު، ފަށައިގެން ލީގު އެއްކޮށް ފުރިހަމަކުރުން ކަމަށެވެ.
"އޭގެ މާނައަކީ އަންނަ ސީޒަން ފެށުން ލަސްވާނެޔޭ،" ލިއްޕީ ބުންޏެވެ. "އަހަންނަށް އެނގޭ ސަޕޯޓަރުން ނުވައްދާ ކުޅުމަކީ ފުޓްބޯޅައިގެ ބަޔެއް ނޫންކަން. އެކަމަކު ސަޕޯޓަރުން ވެއްދެން ނެތިއްޔާ މެޗުތައް ޓީވީން ދެއްކިދާނެ ހިލޭ."
އިޓާލިއަން ލީގު، އޮގަސްޓުގައި ނަމަވެސް އެއްކޮށް ފުރިހަމަކުރަން ބޭނުންވާ ކަމަށް އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވެސް ވަނީ ވިދާޅުވެފަ އެވެ.
އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، އަށް ޓީމަކކުން 13 މެޗު ކުޅެން ޖެހެ އެވެ. ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ. އަދި އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ މެޗުތަކުން ފެށިގެން ފައިނަލާއި އަދި ޔޫރަޕުގައި އިޓަލީގެ ހަތަރު ޓީމެއް ކުޅެން ޖެހޭ މެޗުތައް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ