ޔާމީން މިނިވަންކުރަން މަޖުބޫރުވާ ވަރަށް ޕްރެޝަރުކުރާނަން: ޝިޔާމް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަންކުރަން މަޖުބޫރުވާ ވަރަށް ސަރުކާރަަށް ޕްރެޝަރުކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހުނު ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅުގެ މައްސަލަ އާއި ވައްކަން ކުރާ މީހުން މިނިވަންކުރުމާއި ޖިންސީ ފުރައްސާރަ ކުރުމާއި އަންހެނުން ރޭޕް ކުރުމަށް ފަހު، ސަރުކާރު އަޑީގައި އޮވެ އެމީހުން ފުރުވާލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަންކަމާ މެދު ރައްޔިތުން ނުރުހޭ ކަމަށާއި ރައްޔިތުންނަށް ބާރު ލިބުމުން އެކަންކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރަންޖެހޭކަން ވޯޓުގެ ނަތީޖާއިން ވެސް ސާފުވެފައިވާ ކަމަށެވެ.
"ރައީސް ޔާމީން ބަދަލުކުރަން އެބަޖެހޭ ގެ އަށް. ރައީސް ޔާމީން މިނިވަންކުރަން އެބަޖެހޭ. ރައީސް ޔާމީން އަޅުގަނޑުމެންނާ އެކީގައި މި މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވޭ ކަމުގައިވަނީ ނަމަ މި މައްސަލަތައް ހައްލުވާނެ،" ޝިޔާމް ވިދާޅުވި އެވެ. "މި މައްސަލަތައް ހައްލުކުރަން މިހާރު އަޅުގަނޑުމެން މި ކުރާ ޕްރެޝަރަށް ވުރެ އިތުރަށް ޕްރެޝަރުކުރެވިގެން ސަރުކާރަށް މަޖުބޫރުވާ ހާލަތަށް ދާނެ ރައްޔިތުންގެ ކަންތައްކޮށްދިނުމަށްޓަކައި، އެހެންވީމަ އަޅުގަނޑު ގޮވާލަން ވަގުތު ބޭކާރު ނުކުރައްވާ ރައީސް ޔާމީން މިނިވަންކުރަން."
ޝިޔާމް ވިދާޅުވީ، ކަންކަން ނުކުރުމަށް ފަހު، އެކަމެއް ނުކުރެވުނީ މަޖިލީހުގެ ރައީސްގެ ސަބަބުން ކަމަށް ބުންޏަސް މިއަދު ރައްޔިތުން އެ ވާހަކަތައް ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި މި ވެރިކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުވާން ޖެހޭކަން ވެސް ރައްޔިތުން ގަބޫލުކުރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރަކީ ދިވެހި ތާރީހު ދުށް އެންމެ ނާގާބިލު ސަރުކާރު ކަމަށެވެ. ޝިޔާމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި އެއާޕޯޓްގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެެ. އަދި ސަލްމާން މިސްކިތް އަޅައި ނިމިފައި ހުރިއިރު ވެސް އެތަން ނުހުޅުވި ލަސްވާތީ، ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނަށް މާލޭން ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. މިއީ މީގެ ކުރިން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ތަނެކެވެ.
އިދިކޮޅުން ބުނަމުން އަންނަނީ މާލޭގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު ހޮވުމަށް އެމްޑީޕީން ވެސް ވޯޓު ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން އެމްޑީޕީއަށް ނޫނެކޭ ބުނެފައި ވަނީ މާލޭގެ ރައްޔިތުންނަށްވީ ވައުދުތައް ފުއްދާފައި ނުވާތީ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ