ރައީސް ނަޝީދު އިސްލާމީ ގައުމެއްގެ ވެރިއަކަށް ކުފޫ ހަމަނުވޭ: ޒައިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިއަކަށް ވުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިފަދައިން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންވާކަމަށް ވިދާޅުވެ، ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވަވާފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި ލީކުވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ޒައިދުގެ ޓްވީޓުގައި ވަނީ ރައީސް ނަޝީދު އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން އެ މީހުން ދިފާއުކޮށް އެމީހުންނަށް ހިމާޔަތްދީފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. މިއީ ކުޑަ މިސާލެއް ކަމަށާއި، މިކަން ދިވެހި ރައްޔިތުން އަދިވެސް ހަނދާން އެބަހުރި ކަމަށް ޒައިދު ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ކޮން ކަހަލަ ބޭފުޅެއްކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށާއި، އެހެންކަމުން ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިއަކަށް ވުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަން ވަރަށް ރަނގަޅަށް ސާފުވެގެންދާކަމަށް ޒައިދު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންވާކަމަށް ވިދާޅުވެ، ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ މެސެޖުގައި ވަނީ ވެރިކަމުގެ ނިޒާމު 2023ގެ ފެބްރުއަރީމަހު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ސަރުކާރު އެކުލަވާލުމުގެ ބާރު މަޖިލީހަށް ދިނުމަށް އެދި ހުށަހަޅުއްވާފައެވެ. އަދި 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން 2024 ވަނަ އަހަރު މަޖިލިސް އިންތިޚާބާށް ދާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނުގައިވާގޮތަށް މަޖިލީހުން ކަނޑައަޅާ މީހަކަށް ވުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްއާއަށް ހުށަހަޅުއްވާފައެވެ.
ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ