ވޯޓުގައި ރައްޔިތުން ވަނީ ޔާމީންގެ ހިދުމަތުގެ އަގުވަޒަން ކޮށްފައި: އަދުރޭ

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމަށް ކޮށް ދެއްވެވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އިދިކޮޅު ކެންޑިޑޭޓުންނަށް ރައްޔިތުން ދީފައިވާ ކަމަށާއި އެ ނަތީޖާއާއެކު ރައީސް ޔާމީން ވަގުތުން މިނިވަން ކުރަން އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
އަބްދުއްރަހީމް މިކަމަށް ގޮވާލެއްވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 500 ދުވަސް ހަމަވުމާ ގުޅިގެން ޗެނަލް 13 އިން ރޭ ގެނެސްދިން ޕްރޮގާރާމެއްގައި ބައިވެެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. ޗެނަލް 13 އަކީ ރައީސް ޔާމީނަށް ތާއީދު ކުރާ ކޮންޓެންޓެއް އޮންނަ ޗެނަލެކެވެ.
އޭނާ ވިދާޅުވީ މިސަރުކާރަށް ދެ އަހަރާ ފަސް މަސް ވެގެންދިޔައިރު ރައްޔިތުންނަށް ވީވައުދުތައް ފުއްދުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްދެވިފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ތެރެއިން ފެނިގެން ދަނީ ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ރައީސް ޔާމީން ޖަލަށް ލައި ނުހައްގުން އެ މަނިކުފާނަށް އަނިޔާތައް ދޭ މަންޒަރު ކަމަށެވެ.
"ރައްޔިތުން އެ އަނިޔާ ގަބޫލެއް ނުކުރި. އެހެންވެ އިންތިހާބުގައި ފެނިގެން މިދިޔައީ ރައީސް ޔާމީން ކުރެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދިން މަންޒަރު. މި ނަތީޖާއިން ބުނެދެނީ ރައީސް ޔާމީނަށް އަނިޔާ ކުރުން ރައްޔިތުން ބަލައި ނުގަންނަކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިންތިހާބުގައި ކެމްޕޭން ކުރަން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދިން ނަމަ މި ސަރުކާރުގެ އިސްވެރިން ގެއިން ބޭރަށް ނިކުމެވަަޑައިގަތުމަށް ލަދުގަންނަ ވަރުގެ ނަތީޖާއެއް ހޯދޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިހާބުގައި މާލެއިން އިދިކޮޅު ކެންޑިޑޭޓުންނަށް ދިން އަޣުލަބިއްޔަތުން އެނގިގެން ދަނީ މި ސަރުކާރު ފެއިލްވެ، ރައީސް ޔާމީންގެ ހިދުމަތް ރައްޔިތުން އަލުން ބޭނުންވެފައިވާ މިންވަރު ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލިގެން ނުދާނެ ގޮތަށް ކަމަށާއި ހުރިހާ ކަމެއް ކުރެއްވީ ދިވެހިންގެ މައްސަލަތައް ދިވެހިން އަމިއްލައަށް ނިންމުމަށްޓަކައި ބޭނުންވާ އިގްތިސޯދީ ފުދުއްތެރިކަން ހޯދައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާހިލާފަށް މިހާރުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންނަށް ބޮޑެތި ތަކްލީފްތައް އުފުލަން ޖެހި ރައްޔިތުން ބިކަވަމުންދާ ކަމަށެވެ.
"މިސަރުކާރު އިސްތިއުފާ ދޭން ޖެހޭ ކަން މިހާރު މިއޮތީ އެނގެން. ރައްޔިތުންގެ ތާއީދު މި ސަރުކާރަށް ނެތް ކަން އިންތިހާބުން ރައްޔިތުން ދައްކައިދީފި،"
އިދިކޮޅުގެ ވަގުތީ ލީޑަރު ވިދާޅުވި ގޮތުގައު ރައީސް ޔާމީން ޖަލަށް ލައިގެން ގެންގުޅެވިދާނެ އެވެ. އެކަމަކު މިސަރުކާރުގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާނެ އެވެ. ރައީސް ޔާމީނާއެކު އެއްވެސް ޑީލެއް ވެސް ނުހެދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ