ބޮޑު މުސާރަދީފައި އޮންނަ މަޖިލީހަކުން މަސައްކަތް ނުކުރަންޏާ ރައްޔިތުން ކަންބޮޑުވާނެ: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހަކީ، ރައްޔިތުން ވަރަށްބޮޑެތި މުސާރަ ދީފައި އޮންނަ މަޖިލީހެއް ކަމަށާއި، އެފަދަ މަޖިލީހަކުން ބޭނުންވާ ވަރަށް މަސައްކަތް ކުރިއަށް ނުގެންދަންޏާ ރައްޔިތުން ކަންބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަދުވެ، ބިލްތައް ތަޅުމަށް ނައިސްވާކަން ފާހަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ، ރައްޔިތުން ވަރަށްބޮޑެތި މުސާރަދީފައި އޮންނަ މަޖިލީހެއްގެ އިތުރުން ވަރަށްބޮޑެތި އުއްމީދުތަކެއްވެސް ކޮށްފައި އޮންނަ މަޖިލީހެއް ކަމަށެވެ. އަދި މަޖިލީހުގައި ކުރަން ހުރި މަސައްކަތް ވަރަށްގިނަ ކަމަށް އަބަދުވެސް ފާހަގަވާ ކަމަށާއި ނަމަވެސް ބިލުތައް ނައުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ވަރަށް މަދުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތައް މަދުވެފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވެފައިވާއިިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެެޖެންޑާކޮށްފައި ވަނީ ކޮމިޓީން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން ހަތަރު ރިޕޯޓަކަށް ބަހުސް ކުރުމަށެވެ.
އެއީ ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރުމަށާއި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބު ކަމުގެ މަގާމަށް ޑރ. ފަރަހަނާޒް ފައިސަލް އައްޔަން ކުރުމަށް ރުހުން ދިނުމާއި، ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް ހެދުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑުކުރުމަށް ނިންމާފައިވާ މައްސަލަ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމުގެ އިތުރުން މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަޖެއްސުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުށަހަޅުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމެވެ.
މަޖިލިސް ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ހުށަހަޅާނެ ބިލުތަކުގެ ލިސްޓެއް ސަރުކާރުން ފޮނުވައިވާ ކަމަށާއި، ނަމަވެސް އެ ލިސްޓާ ގުޅޭ ބިލެއް އަދި މަޖިލީހަށް ލިބިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ