ނަވަލްނީއަށް ޒަހަރު ދިން ހާދިޘާއާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ރަޝިޔާގެ އިދިކޮޅު ސިޔާސީވެރިޔާ އެލެކްސީ ނަވަލްނީއަށް ޒަހަރު ދީގެން އޭނާ އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވާ ހާދިޘާއާ ގުޅިގެން އެ ޤައުމުގެ ބައެއް މަތީފަންތީގެ ވެރިންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އެމެރިކާއިން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންގެ އެންމެ ބޮޑު ހަތުރުކަމަށްވާ ނަވަލްނީއަށް ނޯވިޗޮކް ކިޔާ މާއްދާއެއް ބޭނުންކޮށްގެން ދީފައިވާ ޙަމަލާގެ ފަހަތުގައިވަނީ ރަޝިޔާގެ ސަރުކާރުކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނިންމައިފައިވާކަމަށެވެ.
އެ ހާދިޘާއާ ގުޅިގެން އެމެރިކާއިންވަނީ ރަޝިޔާގެ ސަރުކާރަށް ނިސްބަތްވާ 7 މީހަކަށާއި ކެމިކަލް އުފެއްދުމާ ގުޅުންހުރި 14 އިދާރާއަކާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުގެ ތެރޭގައި ރަޝިޔާގެ މައި ޖާސޫސީ އިދާރާކަމަށްވާ އެފްއެސްބީގެ އިސްވެރިޔާ އެލެކްސެންޑަރ ބޯޓްނިކޮވްއާއި ރަޝިޔާގެ ދިފާޢީ ވަޒީރުގެ ނައިބުންކަމަށްވާ އެކެލްސީ ކުރިވޮރުޝްކޯއާއި ޕަވެލް ޕޯޕޮވް ހިމިނެއެވެ. މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އިތުރުން ވިލާތުގެ އިއްތިޙާދުންވެސްވަނީ ރަޝިޔާގެ ސަރުކާރަށް ނިސްބަތްވާ 4 މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އެއީ ރަޝިޔާގެ ޖަލުގެ ނިޒާމާއި ހަވާލުވެ ހުންނެވި އެލެކްސެންޑަރ ކަލަޝްނިކޮވްއާއި އިންވެސްޓިގޭޓިވް ކޮމިޓީގެ ޗެއާމަން އެލެކްސެންޑަރ ބަސްޓްތީކިންއާއި ޗީފް ޕްރޮސެކިއުޓަރު އައިގޯ ކްރަސްނޮވާއި ނޭޝަނަލް ގާޑުގެ އިސްވެރިޔާ ވިކްޓަރ ޒޮލޮޓޮވެވެ. އެ މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ މީހުންނަށް ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަށް އެތެރެނުވެވޭ ގޮތް ހެދުމާއި އެމީހުންގެ މުދާ ހިފެހެއްޓުން ހިމެނެއެވެ.
ވިލާތުގެ އިއްތިޙާދުން މީގެ ކުރިންވެސްވަނީ ނަވަލްނީއަށް ޒަހަރު ދިން މައްސަލައިގައި ރަޝިޔާގެ ސަރުކާރަށް ނިސްބަތްވާ 6 މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ