"ސައީދަކީ ރައީސް ޔާމިންގެ މުށުން ދޫވި ގުމްރީއެއް"

ކުރީގެ އިކޮނޮމިކްމިކް މިނިސްޓަރު މުހައްމަދު ސައީދު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ "މުށުން ދޫވި ގުމްރީއެއް" ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ލ. މާވަށު ދާއިރާގައި ބޭއްވި އެމްޑީޕީގެ ކެމްޕޭނު ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. ސައީދުގެ ނަން ވިދާޅުނުވެ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް އިންސާފުން ކަކަން ކުރިއަށް ދާނެ ނިޒާމެއް ބޭނުންވާކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އަމިއްލަ ބޭބެފުޅާ، ޑިފެންސް މިނިސްޓަރާއި، ނައުބު ރައީސްވެސް ޖަލަށްލާފައިވާކަމަށެވެ. އަދި ރައީސް ޔާމީނުގެ "މުށުން ދޫވި ވަޒީރަކު" މާވަށު ދާއިރާއަށް ކުރިމަތިލައްވައިގެން އުޅޭކަމަށެވެ.
"މިހާރު މިތަނަށް ކުރިމަތިލައްވައިގެން އެބައުޅުއްވާ ބޭފުޅެއް. [ރައީސް ޔާމިންގެ] އަތް ދަށުން ދޫވި ބޭފުޅެއް ކަންނޭގެ. ހައްޔަރުނުކޮށް ހުންނެވި ވަޒީރެއް. އެއީ ހަަމަ ސީދާ މުށުން ދޫވި ގުމްރީގެ ނަހަރު. އެހެން ނޫންނަމަ އައިސް މިތަނަށް ކުރިމަތިލައްވައިގެން ނޫޅުއްވާނެ، އަޅުގަނޑުމެން އެބޭފުޅުންނަށް ހަމްދަރުދީވަން އެއީ ސަލާމަތްވީތީވެ" ސައީދު އަށް ނިސްބަތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުތައް ފުއްދުމައްކަމަށެވެ.
"އެ ވައުދުތަކަކީ ތިބޭފުޅުންގެ ހިތުގައި ތިބޭފުޅުން ކުރެހި ތަސްވީރެއް. އެއީ އަޅުގަނޑުމެންގެ ވާހަކައެއް ނޫން. އެއީ ތިބޭފުޅުން އަޅުގަނޑުމެން ގާތުގައި ކޮށްދޭށޭ ބުނިކަންކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ސައީދު އަށް ނިސްބަތްކުރައްވައި އޭނާ އަކީ ރައީސް ޔާމީނުގެ އަތުން ދޫވި ގުމްރީއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ދާދިފަހުން ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ސައީދު ވަނީ އެމްޑީޕީގެ މަޖިލިސް މެނިފެސްޓޯ ކަމުގައިވާ "އެޖެންޑާ 19" އަކީ "ރަންނަމާރިއެއް" ކަމަށް ވިދާޅުވެފައެވެ.
އަދި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސައީދު ވަނީ ރައީސް ޔާމީނަށް ސަނާ ވިދާޅުވަމުން "ރައީސް ޔާމިން އަކީ ފިނިފެންމަލެއް" ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ