އާޖެންޓީނާގައި މެސީ ފެއިލްކޮށްލަނީ ސަޕޯޓަރުން: ސަމްޕައޮލީ

ސެވިލް، ސްޕެއިން (އޭޕްރީލް 26) - އާޖެންޓީނާގައި ލިއޮނަލް މެސީ އަށް އެންމެ މޮޅު ކުޅުމެއް ދައްކަން އުނދަގޫވަނީ އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އަމާޒުވާ ހައްގުނޫން ފާޑުކިއުންތަކުގެ ސަބަބުން ކަމަށް އާޖެންޓީނާގެ ކުރީގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް ކޯޗުކޮށްދިން ސަމްޕައޮލީ އަށް މަގާމު ގެއްލުނުއިރު، މެސީއާ ހާއްސަ ގުޅުމެއް ބާއްވާ ކަމަށް އާޖެންޓީނާގެ މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު ސަމްޕައޮލީ ބުނީ މެސީއާ އޮންނަ ގުޅުމަކީ ޓީމުގެ ކެޕްޓަނަކާ އޮންނަ ގުޅުން އެކަނި ކަމަށެވެ.
"ޓީމު ނަގަނީ މެސީ ކަމަށް ގިނަ ބަޔަކު ބުނި. ހަގީގަތެއް ނެތް އެ ފަދަ ވާހަކަތައް އާޖެންޓީނާގެ މީޑިއާ އާއި ސަޕޯޓަރުން އަބަދުވެސް ދައްކާ. ބާސެލޯނާގައި މެސީ ދައްކާ ކުޅުން އާޖެންޓީނާގައި ނުފެންނަނީ ބައިވަރު ސަބަބުތަކާ ހުރެ. އަހަރެންގެ ނަޒަރުގައި އާޖެންޓީނާގައި މެސީ ފެއިލްކޮށްލަނީ ސަޕޯޓަރުން،" ސަމްޕައޮލީ ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އާޖެންޓީނާގައި ތަޖުރިބާ ހިތިކޮށް ދިޔަ ނަމަވެސް މެސީ އަށް ކޯޗުކޮށްދިނުމަކީ ޝަރަފެއްގެ ގޮތުގައި ސަމްޕައޮލީ ދެކެ އެވެ.
ވޯލްޑް ކަޕް މެޗެއްގެ ތެރެއިން ސަމްޕައޮލީ (ވ) މެސީ އަށް ބުނެދެނީ. -- ފޮޓޯ: އޭއެފްޕީ
"އަހަރެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ (މެސީ) އަށް ކޯޗުކޮށްދިނިން. އަހަންނަކަށް ނޭނގޭ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔަކީ ކާކު ކަމެއް. އެކަމަކު ހަގީގަތަކީ މެސީ އަކީ ޔޫރަޕްގައި 600 އަށް ވުރެ ގިނަ ގޯލުޖަހައި ގިނަ ރެކޯޑްތަކެއް މުގުރާލައިފައިވާ ކުޅުންތެރިޔެއް. އެ ފަދަ ކުޅުންތެރިޔަކަށް ކޯޗުކޮށްދިނުމަކީ އަހަންނަށް ލިބުނު ޝަރަފެއް،" ސަމްޕައޮލީ ބުންޏެވެ.
ވޯލްޑް ކަޕަށް ފަހު މެސީ ވަނީ ގައުމީ ޓީމާ ދުރަށް ޖެހިލައިފަ އެވެ. އެކަމަކު އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީއާ އެކު ބޭއްވި ގިނަ މަޝްވަރާތަކަށް ފަހު މެސީ އަލުން ގައުމީ ޓީމަށް އައީ ޖޫން މަހު އޮންނަ ކޮޕަ އެމެރިކާއާ ދިމާކޮށް މިދިޔަ މާޗް މަހު އެވެ. ސަމްޕައޮލީ ބުނީ އާޖެންޓީނާގައި މެސީ އަށް ކާމިޔާބެއް ލިބުން އޮތީ ސަޕޯޓަރުން އޭނާ އަށް ކުރާ އިތުބާރެއްގެ މަތީގައި ކަމަށެވެ.
Emme fahun Messi ge rulhigandu falhaigen hingajje
Mihaaru
"ބާސެލޯނާ އިން މެސީ އަށް ދޭ ސަޕޯޓް އާޖެންޓީނާ އިން ވެސް އޭނާ އަށް ދޭންވީ. މިހާރު މި ފެންނަނީ އާޖެންޓީނާ އަށް މެސީ ގޮސްފިނަމަ މުޅި މަންޒަރު އެއްކޮށް ބަދަލުވެ އޭނާ އަށް އެކި ގޮތްގޮތުން އަސަރުކުރާތަން،" ސަމްޕައޮލީ ބުންޏެވެ.
އުމުރުން 31 އަހަރުގެ މެސީ އަށް މި ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ސަމްޕައޮލީ ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ