ޖަމީލު ހާމަކުރެއްވީ އަމިއްލަފުޅު ހިޔާލު، ޖޭޕީ އަދިވެސް އޮތީ ކޯލިޝަންގައި: ޖޭޕީ

ޕީޕީއެމާ ގުޅިގެން އެޕާޓީ ވަރުގަދަ ކުރުމަށް އެހީތެރިވާން ޖޭޕީން މަސައްކަތް ކުރަމުންދާ ކަމަށްބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާޙިމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މުހައްމަދު ޖަމީލު އަހުމަދު ދައްކަވާފައިވާ ވާހަކަފުޅަކީ އޭނާގެ އަމިއްލަ ހިޔާކު ކަމަށް އެޕާޓީން ބުނެފިއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ރޭ ވިދާޅުވީ، ޖުމްހޫރީޕާޓީގައި އޮތީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށެވެ. ޖޭޕީ އޮތީ ޕީޕީއެމް ފިކުރުގައިކަން ހާމަކުރައްވާ ޖަމީލު ވިދާޅުވީ އޭނާ އެމްޑީޕީ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އެކަން އެމްޑީޕީ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޖަމީލް ވިދާޅުވީ އޭނާ ނިސްބަތްވަނީ ޕީޕީއެމްގެ ފިކުރަށް ކަމަށެވެ. އަދި ޖޭޕީވެސް ހިމެނެނީ އެ ފިކުރުގެ ތެރޭގައި ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޖަމީލްގެ އެ ވާހަކަތަކަށް ރައްދު ދެމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު މިއަދު ވިދާޅުވީ، ޖަމީލް ދެއްކެވި ވާހަކަފުޅަކީ ޖޭޕީގެ ވިސްނުން ނޫން ކަމަށެވެ. އަދި ޖޭޕީގެ ފިކުރު އެ ޕާޓީގެ އަސާސީ ގަވައިދުގައި ލިޔެފައިވާ ކަމަށާއި އެ ގަވައިދުގައިވާ ގޮތުގެ މަތިން މިއަދު ޖޭޕީ އޮތީ ސަރުކާރާއެކު ކޯލިޝަނެއްގައި ކަމަށް ހުސައިން ވިދާޅުވިއެވެ.
ހުސައިން ރަޝީދު ވިދާޅުވީ ސަރުކާރު ދެމެހެއްޓުމަށްޓަކައި އެޕާޓީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވި މިއަދުވެސް ރައީސް ޔާމީނާއި ދެކޮޅަށް ޖޭޕީ ތެރޭގައި މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްއާ ގުޅުމުގެ އެއްވެސް އެއްބާރުލުމެއް ޖޭޕީގެ ކައުންސިލްގެ ފަރާތަކުން ނުލިބޭނެ ކަމަށެވެ.
އަދި އެއްވެސް ޕާޓީއަކާ ގުޅުމަށް ޖޭޕީގެ ކައުންސިލުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށާއި ޕީޕީއެމާއި އެޕާޓީން ނުވެސް ގުޅޭނެ ކަމަށް ޕާޓީގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެފައިވެއެވެ. ޕާޓީގެ ތެރެއިން ވެސް ވަކި ބޭފުޅަކު ފާޅުކުރާ އަމިއްލަ ޚިޔާލަކީ ޕާޓީގެ ރަސްމީ ބަސް ކަމުގައި ނުބެލެވޭނެ ކަމަށާއި އަދި ހުރިހާ ބޭފުޅުންވެސް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލު ބެހެއްޓުމަށް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ