ފުއާދާއި ޒީގެ ލޯބި އަދިވެސް އުތުރި އަރަނީ

މި ރަމަޟާން މަހަށް ހާއްސަކޮށްގެން "ސަން"އިން ގެނެސްދޭ، ކާމިޔާބު ޒަވާޖީ ހަޔާތެއްގެ ފުރިފައިވާ ލޯބީގެ ވާހަކަތައް ހިމެނޭ "ކަޕްލް ގޯލްސް" ސެގްމަންޓުގެ ދެވަނަ ޖޯޑު ވަރަށްވެސް ހާއްސަ އެވެ. ނުހަނު ތަފާތު ދެ ދާއިރާއަކުން އަކުން އައިސް ގުޅުނު ދެ ހިތެކެވެ. ދާއިރާ ތަފާތުވި ނަމަވެސް ލޯތްބަކީ ޒަމާނާއެކު އިތުރުވެ ވަރުގަދަވާ އެއްޗެއްކަން މި ދެ މީހުންގެ ހަޔާތުގެ ކޮންމެ ސިކުންތަކުން ނިކަން ރަނގަޅަށް ސާބިތުކޮށްދެ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގަށް 90 އިގެ އަހަރުތަކުގެ ކުރީކޮޅުގައި ވޭތުކުރައްވަން ޖެހިވަޑައިގަތީ އުނދަގޫ ދުވަސްތަކެކެވެ. ފުރަތަމަ ކައިވެންޏަށް ހަތަރު ބޭފުޅަކު ލިބިވަޑައިގެންނެވި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ކައިވެނި ރޫޅުމުގެ ސަބަބުން މާޔޫސްކަމާއި ހިތްދަތިކަމުން އޭނާގެ ހިތް އޮތީ މޮޅިވެރިވެފަ އެވެ. ޓޭބަލް ޓެނިސް ކުޅުމަށް ފޯރި ހުންނަ ފުއާދު އޭރު، އަވަށްޓެރިއެއްގެ ގެއަށް ޓީޓީ ކުޅުމަށް ވަރަށް ގިނައިން ވަޑައިގަންނަވަ އެވެ. އެހެން އުޅުއްވުމުގެ ތެރޭގައި ދިމާވީ، މާލެ އައިސް އެ ގޭގައި އުޅުއްވަމުން ގެންދެވި، ޒީދާ ހުސައިނާ އެވެ. އައްޑޫގެ ހުޅުދޫއަށް ނިސްބަތްވާ ޒީދާގެ ވެސް ފުރަތަމަ ކައިވެނި އޭރު އޮތީ ރޫޅިފަ އެވެ. ފުއާދު ތައުފީގު އަދި އަނބިކަނބަލުން ޒީދާ ހުސައިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް އެ ގެއިން ދެ ބޭފުޅުން ދިމާވެ، އެކުވެރިންނަށް ވީއެވެ. އެކީ އަތުގުޅާލައިގެން ތިބެ، މޮޅިވެރިކަމުގައި ހަޔާތުން ނިކުންނަން އަޒުމް ކަނޑައެޅީ އެވެ. އެންމެ ފަހުން، އެ އެކުވެރިކަން ވަރަށް ބޮޑަށް ބަދަހިވެ، ވަކިނުވާނޭ ވަރުގަދަ ލޯތްބަކަށް ބަދަލުވީ އެވެ. އެ އެކުވެރި ކަމުގެ މަތީ ޖަހައި ބާރުކޮށްލި ލޯބީގެ އެ ގޮށަށް 27 އަހަރުވީ އިރުވެސް ތަންކޮޅެއް ވެސް ދޫނުވެ ހުރީ ވަރުގަދަކޮށެވެ. އެ ލޯތްބަށް ބަދަލެއް އައި ނަމަ އިހުނަށް ވުރެ އެ ލޯބި ވަރުގަދަވީ އެވެ. ޒީދާއާއި ފުއާދު ވިދާޅުވާ ގޮތުގައި، އެކަކީ އަނެކެއްގެ "ބެސްޓް ފްރެންޑެ"ވެ. އެ މީހުންގެ މެދުގައި ސިރެއް ނެތެވެ. އުމުރުގައި 15 އަހަރުގެ ތަފާތެއް ދެބޭފުޅުންގެ ދެމެދުގައި ހުރި ނަމަވެސް ދެ ބޭފުޅުންގެ ވިސްނުން އެއްގޮތެވެ. އެކަކު ފައްޓަވާ ކަމެއް، އަނެކަކު ނިންމައިދެ އެވެ. އަބަދުވެސް އުޅެނީ އެކުގަ އެވެ. ރާއްޖޭގައި ދިރިއުޅުމަށް ދިމާވި ގޮންޖެހުންތަކާއި، "އަރުވާލެވިގެން" ސްރީލަންކާގައި ހަތަރު އަހަރެއްހާ ދުވަހު ދިރިއުޅެން ޖެހުނު ހިނދުވެސް ފުއާދުގެ އެންމެ ގާތުގައި އެހީވާން ހުންނެވީ ޒީދާ އެވެ. މިއީ މި ލޯބި ދެމަފިރިންގެ ކޮޅާ ކޮޅުނެތް ލޯބީގެ ވާހަކަ އެވެ. މި ހުރިހާ ވާހަކައެއްގެ އިތުރުން، ދިރިއުޅުމުގެ ތަޖުރިބާއާއި، ގޮންޖެހުންތަކާއި، އަދި ޒުވާނުންނަށް މި ދެމަފިރިން ދެއްވާ ބައެއް ލޯބީގެ "ޓިޕްސް" މި ހަފްތާގެ ކަޕްލް ގޯލްސް އެޕިސޯޑުގައި ހިމެނޭނެއެވެ. ބައްލަވާލައްވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ