ހަނުހުރުމުގެ ހައްޤުގެ އުޞޫލުތައް ކަނޑައަޅައިދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް

ހަނުހުރުމުގެ ހައްޤުގެ އުސޫލުތައް ކަނޑައަޅައިދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ތައްޔާރުކުރައްވައި މަޖިލީހަށް ފޮނުއްވި މިބިލް ނަޝީދުގެ އަމިއްލަ ބްލޮގްގައި ޝާއިޢު ކޮށްފައިވެއެވެ.
މިބިލްގެ ބޭނުމަކީ ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިދޭ ހަނުހުރުމުގެ ހައްގުގެ މަފްހޫމެއް ކަނޑަޅައިދިނުމާއި، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ) އިން ލިބިދޭ، ތިމާއާއި ދެކޮޅަށް ޝަރީއަތުގައި ބަޔާނެއް ނުދިނުމުގެ ހައްޤުގެ މަފްހޫމް އެކަށަހަޅައި ދިނުމާއި، ހަނުހުރުމުގެ ހައްްުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ބަޔާންކޮށްދިނުން ކަމަށް މިބިލްގައި ބުނެފައި ވެއެވެ.
މީގެއިތުރުން ތިމާއާއި ދެކޮޅަށް ޝަރީއަތުގައި ބަޔާނެއް ނުދިނުމުގެ ހައްޤުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާއި ނުހިމެނޭ ކަންކަން ބަޔާންކޮށްދިނުމާއި، ހަނު ހުރުމުގެ ހައްޤުގެ ބޭނުންކުރެވޭނެ ހާލަތްތައް ބަޔާންކޮށްދިނުމަކީވެސް ބިލުގެ މަޤްސަދެއްކަމަށް ނަޝީދުގެ ބިލްގައި ލިޔެފައިވެއެވެ.
ބިލްގައިވާގޮތުން ހަނުހުރުމުގެ ހައްޤު ލިބިދެނީ، ގާނޫނުގެ ކުރިމަތީގައި ތިމާ ޖަވާބުދާރީވާންޖެހޭ މީހަކަށް ތިމާދޭ ޖަވާބަކުން، ތިމާގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހެކި ހުށަހަޅައިދެވޭ ހާލަތުގައި ނުވަތަ ތިމާއާއި ދެކޮޅަށް ބަޔާނެއް ދޭންޖެހޭ ހާލަތުގައި، އެނިސްބަތަށް އެކަންޏެވެ. އެނޫން ހާލަތްތަކުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެ ކަމަށްވެސް ބިލްގައިވެއެވެ.
ނަމަވެސް ތިމާގެ ފަރާތުންދޭ މަޢުލޫމާތުތަކަކީ ތިމާއާއި ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައިނުވާނަމަ، އެމަޢުލޫމާތެއް، ތަހުގީގީ އިދާރާއަށް ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި ހާމަކުރުމަކީ ހަނުހުރުމުގެ ހައްގުގެ ބޭނުންކުރެވޭނެ ހާލަތެއް ނޫން ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ