ރައީސް ނަޝީދު އަތްޕުޅުން ދައުލަތަށް 444 ރުފިޔާ ހޯދަން އޭސީސީން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް ނަޝީދު އަތްޕުޅުން ދައުލަތަށް 444 ރުފިޔާ ހޯދަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންގައިފިއެވެ. އޭސީސީން ރައްޔިތުންގެ މަޖިލީހަށް މިގޮތަށް އަންގައިފައިވަނީ އެކޮމިޝަނަށް ހުށަހެޅުނު ރައީސް ނަޝީދާ ގުޅޭ މައްސަލައެއް ބެއްލެވުމަށްފަހުއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމުކުރައްވައިފައިވާ އޭސީސީ ގެ އެންގުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް ނަޝީދު، އެމްޑީޕީގެ އެކްޓިވިސްޓުންނާ ބައްދަލުކުރައްވަން ކުރައްވާ އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާކަމަށް ބުނާ މައްސަލައެއް އެކޮމިޝަނުން ބެއްލެވި ކަމަށެވެ.
އެމައްސަލައިގައި އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި 31 އޮކްޓޫބަރ 2019 ގައި ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ މަހާސިންތާ ނިނަމާލެއްވުމަށްފަހު ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓަށް 1333 ރުފިޔާ ހަރަދުކޮށްފައިވުން ހިމެނެއެވެ. ފުވައްމުލަކާއި އައްޑޫ އެއީ މަހާސިންތާގައި ނުހިމެނޭ ދެ ދަތުރަކަށްވެފައި، އޭރު ކޫއްޑޫ އިން މާލެއަށް ދަތުރުތަކުގެ އަގަކީ 1222 ރުފިޔާ ކަމަށް ވުމުން ޓިކެޓަށް ހަރަދުކޮށްފައިވާ އިތުރު 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު އެކަން އެސީސީއަށް އެންގުމަށް އެކޮމިޝަނުން ވަނީ މަޖިލީހުގެ އިދާރާއަށް އަންގައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި  މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެސީސީގެ އެދެންނެވުން މެމްބަރުންނާ ޙިއްސާ ކުރައްވައިފައެވެ. އޭސީސީގެ ނިންމުމަށް ގޮންޖައްސަވައި ޗެލެންޖު ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ. ޗެލެންޖް ކުރައްވާނަމަ 444 ށް ވުރެ ދާނެ ޚަރަދު ބޮޑުވާނެކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ދައުލަތަށް ދައްކަވަން ޖެހޭ ފައިސާ ކޮންމެވެސް މެމްބަރަކު އެމަނިކުފާނަށް ދެއްވުމުން އެފައިސާ ދެއްކިދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވިދާޅުވީ، ރައީސް ނަޝީދަށް 444 ރުފިޔާ ދެއްވުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ