ކުރީގެ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ރިޔާޒް ފުލުހުންގެ މައްޗަށް ދައުވާކޮށްފި

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް ޖިނާއީ ތުހުމަތެއްކޮށް ވަޒީފާ އިން ވަކިކުރި މައްސަލާގައި އަބްދުﷲ ރިޔާޒް މިއަދު މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ދައުވާކުރައްވައިފި އެވެ.
ރިޔާޒްގެ ވަކީލް ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ދައުވާ ހުށަހަޅުއްވަމުން ވިދާޅުވީ ރިޔާޒް ވަޒީފާ އިން ވަކިކޮށްފައި ވަނީ ރިޔާޒްގެ ހިއްސާ ކުރިން އޮތް ކުންފުންޏަކުން ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ދޫކުރި ޗެކެއް ބައުންސްވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލާގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނިކޮށް ރިޔާޒް ވަޒީފާ އިން ވަކިކޮށްފައި ވަނީ ކުށެއް ސާބިތު ނުވަނީސް ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ބައުންސް ޗެކްގެ މައްސަލަ ޖިނާއީ ކޯޓުން ބެލުމަށް ފަހު އެ މައްސަލާގައި ރިޔާޒް ނަންގަވަން ޖެހޭ ޒިންމާއެއް ނެތް ކަމަށާއި ރިޔާޒްގެ ކުށެއް ނެތް ކަމަށް މޭ ،17 2010 ގައި ހުކުމްކޮށްފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އަދި ކުށެއް ސާބިތު ނުވާހާ ހިނދަކު ޑިސިޕްލިނަރީ ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ފުލުހުންގެ އިސް މަގާމެއް ރިޔާޒް ފުރުއްވި އިރު ވިޔަފާރީގެ ތެރޭގައި ހިއްސާވެވަޑައިގެންފައި ނުވާ ކަމަށެވެ. އެގޮތުން ޗެކް ބައުންސް ވެފައި ވަނީ ވެސް އެ ކުންފުނީގައި އޮތް ރިޔާޒްގެ ހިއްސާ ދޫކޮށްލެއްވި ފަހުން ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ ވަޒީފާ މޭ ،22 1989 ގައި އަދާކުރައްވަން ފެއްޓެވި ރިޔާޒްގެ ފަރާތުން އެދިވަޑައިގެންފައި ވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ފުލުހުންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި ގެއްލުމުގެ ބަދަލާއި ގެއްލުނު އަބުރުގެ ބަދަލު ނަގައިދިނުމަށެވެ. އެގޮތުން ކުރިން ހުރި ވަޒީފާ އަނބުރާ ހޯދުމަށާއި ވަޒީފާ ނެތި މިހާ ހިސާބަށް ހޭދަވި މުއްދަތުގައި ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށް އެދިވަޑައިގެންފައިވެ އެވެ. އަދި އޭގެ ބަދަލުގައި، އުމުރުން 65 އަހަރު ވަންދެން ލިބެން ޖެހޭ މުސާރަ، ކޮންމެ ފަސް އަހަރަކުން 20 ޕަސެންޓް އިންކްރިމެންޓާ އެކު ލިބޭނެ ގޮތް ހަމަޖެއްސުމާ އެކު ފުލުހުންގެ ރިޓަޔަމަންޓް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް ހުށަހަޅުއްވާފައިވެ އެވެ. މި ކަންކަމުގެ އިތުރުން، ރިޔާޒްގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ވަޒީފާއިން ވަކިކުރުމުން ގެއްލުނު އަބުރުގެ ބަދަލުގައި 1.5 މިލިއަން ރުފިޔާ އާއި ވަކީލުންގެ ފީގެ ގޮތުގައި 25،000ރ. ނަގައިދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ.
ފުލުހުންނާ ގުޅޭ ތަފާތު ކޯސްތައް ރާއްޖެ އިން ބޭރުން ހައްދަވާފައިވާ ރިޔާޒް ވެވަޑައިގެންފައި ވަނީ އެމެރިކާގެ އެފްބީއައި ނެޝަނަލް އެކަޑެމީން ގްރެޖުއޭޓްވި ފުރަތަމަ ދިވެހި ފުލުހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ