އުމްރާ އަށް ހުޅުވާލުމާ އެކު 16،000 މީހުން ރަޖިސްޓްރީވެއްޖެ

މައްކާ (ސެޕްޓެމްބަރު 29) - އުމްރާގެ އަޅުކަމަށް ރަޖިސްޓްރީ ވާން މޯބައިލް އެޕްލިކޭޝަން ލޯންޗްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 16،000 މީހުން ރަޖިސްޓްރީކޮށްފި ކަމަށް މައްކާގެ އަމީރު ވިދާޅުވެއްޖެ އެވެ.
އުމްރާ އަށް ހުޅުވުމާލުމުން ފުރަތަމަ 10 ދުވަހަށް ރަޖިސްޓްރީކޮށް މިހާރު ވަނީ ނިމިފަ އެވެ.
މަދު އަދަދެއްގެ ބަޔަކާ އެކު އުމްރާ ކުރުމުގެ ހުއްދަ އަންނަ މަހު 4 އިން ފެށިގެން ދޭން ސައުދީގެ ދާޚިލީ ވުޒާރާ އިން ވަނީ ނިންމައިފަ އެވެ. ފުރަތަމަ ފިޔަވަހީގައި ހުއްދަ ދޭނީ ދުވާލަކު 6،000 މީހުން އުމްރާ ކުރުމަށެވެ. އުމްރާ ކުރެވޭނީ 12 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި 500 މީހުން ހިމެނޭ ގޮތަށެވެ.
ކޮންމެ ގްރޫޕެއް އުމްރާކޮށް ނިމުމާ އެކު ހަރަމްފުޅު ސްޓެރިލައިޒް ކުރާނެ އެވެ. އެ ގޮތުން ދުވާލަކު 10 ފަހަރު ހަރަމްފުޅު ޑިސްއިންފެކްޓް ކުރާނެ އެވެ.
ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ އުމްރާ ކުރާ މީހުން ގެފުޅާ ކައިރިވެ، ހަޖަރަލް އަސްވަދުގައި ބޮސްދިނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ގެފުޅާ ކައިރި ނުވެވޭ ގޮތަށް ވަގުތީ ޕާޓިޝަނެއް ވަށައިގެން ޖަހާނެ އެވެ. އުމްރާގެ އަޅުކަން އަދާކުރަމުންދާ އިރު ޚާއްސަ މެޑިކަލް ޓީމުތައް ހަރަކާތްތެރިވާނެ އެވެ. އުމްރާވެރިންގެ ތެރޭން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ އެކަހެރި ކުރުމަށް ޚާއްސަ އޭރިއާއެއް ވެސް ގާއިމްކުރާނެ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ފުރަތަމަ ދޭނީ ސައުދީގެ ރައްޔިތުންނަށެވެ. އެހެން ގައުމުތަކުން އަންނަ މީހުންނަށް އުމްރާގެ ހުއްދަ ދޭން ފަށާނީ ނޮވެމްބަރު 1 ގައި ފަށާ ތިން ވަނަ ފިޔަވަހީގަ އެވެ. އެއީ އުމްރާ އަށް ދުވާލަކު 20،000 މީހުންނާއި ދެ ހަރަމަށް ޒިޔާރަތްކޮށް އަޅުކަންކުރުމަށް 60،000 މީހުންނެވެ. މި އުސޫލު، ކޮވިޑް-19 ގެ ނުރައްކާ ނިމުމަކަށް އަންނަންދެން ނުވަތަ ވަކި ގޮތަކަށް ކަނޑައަޅަންދެން ދެމިއޮންނާނެ އެވެ. އުމްރާ އަށް މީހުން އަންނަ ގައުމުތައް ކަނޑައެޅުމާއި އަދަދު ކަނޑައެޅުމުގައި އެ ގައުމެއްގައި ކޮވިޑް-19 އޮތް ހާލަތަށް ވެސް ބަލާނެ އެވެ.
ކޮވިޑް-19 ފެތުރޭތީ އުމްރާގެ އަޅުކަން މެދުކަނޑާލީ މިދިޔަ މާޗް މަހު އެވެ. ހައްޖުގެ އަޅުކަން ވެސް އެންމެ ފަހުން ބޭއްވީ ސައޫދީގައި އުޅޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް މަދު ބަޔަކާ އެކުގަ އެވެ.
ސައޫދީގައި ކޮވިޑް-19 ފެތުރި ވަރަށް ބޮޑަށް ހާލަތު ގޯސްވުމަށް ފަހު މިހާރު ވަނީ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ސައުދީން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 455 މީހުންނެވެ. މަރުވީ 29 މީހުންނެވެ. ބަލިން ވަނީ 841 މީހުން ރަނގަޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ