ގޯހެއް ހެދުނު ނަމަ މާފަށް އެދެން: މެސީ

ބާސެލޯނާ (ސެޕްޓެމްބަރު 30) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލަން ކުރި މަސައްކަތުގެ ތެރޭގައި ގޯހެއް ހެދިފައިވާނަމަ އެކަމަކަށް ކްލަބްގެ އެންމެންގެ އިން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ މާފަށް އެދިއްޖެ އެވެ.
ބާސެލޯނާ ދޫކޮށްލަން މެސީ ކުރި މަސައްކަތުގެ ތެރޭގައި ކްލަބް އޮތް ހާލަތު ގޯސްކަމަށް ދޭހަވާ ގޮތަށް ގިނަ ވާހަކަތަކެއް ދެއްކި އެވެ. އަދި ދާދި ފަހުން ބާސެލޯނާ އިން ލުއިސް ސުއަރޭޒް ވާދަވަރި އެތުލެޓިކޯ އަށް ވިއްކާލިއިރު ބާސެލޯނާ މެނޭޖްމަންޓުން ކަންތައް ކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ މެސީ ވަނީ ފާޑުކިޔައިފަ އެވެ. މެސީ އާއި ބާސެލޯނާގެ މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕާ ދެބަސްވުންތައް ގިނަ އެވެ.
މެސީ ރޭ ބާސެލޯނާ ސަރަހައްދުގެ ސްޕޯޓަށް ދިން އިންޓަވިއެއްގައި ބުނީ އޭނާއާ ބެހޭގޮތުން މީޑިއާގައި ދެކެވޭ އެކި ވާހަަކަތަކަށް ނިމުމެން ގެންނަން ބޭނުންވާ ކަމަށެވެ.
"ވަރަށް ބައިވަރު ދެބަސްވުންތަކެއް ހިނގައިފި. އަހަރެން ބޭނުންވަނީ މިކަމަށް ނިމުމެއް އަންނަން. އަހަންނަށް ކުށެއް ކުރެވިފައިވާނަމަ އޭގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. އަދި ގޯހެއް ހެދިފައިވާނަމަ އެކަމަށް މާފަށް ވެސް އެދެން. އަހަރެންގެ ކޮންމެ ނިންމުމެއް ވެސް އަންނާނީ ބާސެލޯނާ އަށް ރަނގަޅަކަށް،" މެސީ ބުންޏެވެ.
"އަހަރެންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން ކްލަބްގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ކުޑަވެސް ހިތްނުތަނަވަސްކަމެއް އައިސްފައިވާނަމަ އެ އެންމެން ވެސް ގަބޫލުކުރަންވީ އަހަރެން އަބަދުވެސް އެދޭނީ މި ކްލަބަށް ކާމިޔާބު ލިބުމަށް ކަމަށް."
Barcelona gai madukuran Messi ninmaifi
Mihaaru
މިދި މަހު 26 ވަނަ ދުވަހު ފެކުހެއް މެދުވެރިކޮށް މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ. މެސީ ބޭނުންވީ އޭނާ ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއެއް ބޭނުންކޮށް ކޮންމެ ސީޒަނެއް ނިމުމުން އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅައި ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކާ ގުޅޭށެވެ. ބާސެލޯނާ އިން ބުނަނީ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ދެވޭ މާއްދާގެ މުއްދަތު ހަަމަވެފައިވާ ކަމަށާއި މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ 700 މިލިއަން ޔޫރޯ އަށް ކަމަށެވެ. ބާސެލޯނާގެ އެ ވާހަކަތަކަށް ބާރު ލިބުނީ ލަލީގާ އިން ވެސް އެ ގޮތަށް ނިންމައި ބަޔާނެއް ނެރުމުންނެވެ.
އެންމެ ފަހުން މެސީ ނިންމުން ބަދަލުކޮށް ބާސެލޯނާގައި މަޑުކުރަން ނިންމީ އެވެ. މެސީ ބުނީ ކްލަބްގައި މަޑުކުރަން ނިންމީ ކޯޓަށް ހުށަހަޅައިގެން ޓީމު ދޫކޮށްލަން ބޭނުންނުވާތީ ކަމަށެވެ. އަދި އޭނާ އަށް ކްލަބުން ކޮށްދީފައިވާ ކަންތައްތަކަށް ހިތުގައި އޮތް ގަދަރެއްގެ ސަބަބުން ގަދަބާރުން ޓީމު ދޫކޮށްނުލާނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު އަންނަ ސީޒަނުގެ ނިޔަލަށް މެސީގެ ކޮންޓްރެކްޓް ހަމަވާގޮތަށް އޮތްއިރު، އެކަމާ ބެހޭގޮތުން މެސީ ވަކި އެއްޗެއް ނުބުނެ އެވެ.
ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ 4-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ. އެ މެޗުގައި މެސީ ވަނީ ގޯލެއް ޖަހައިފަ އެވެ. މެޗަށް ފަހު ކޫމަން ވަނީ މެސީގެ ފަރާތުން ފެންނަ ޕްރޮފެޝަނަލްކަމަށް ތައުރީފުކޮށްފަ އެވެ. ކްލަބް ބަދަލުކުރަން މެސީ މަަސައްކަތްކުރި ނަމަވެސް ދަނޑުމަތީގައި ޓީމު މޮޅުކޮށްދޭން މެސީ ކުރާ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ