ޓްރަމްޕާއި ބައިޑަންގެ ފުރަތަމަ ބަހުސްގައި ޒުވާބާއި މަލާމާތްކުރުން

އޮހާޔޯ (ސެޕްޓެމްބަރު 30) - އެމެރިކާގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބަހުސްގައި، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން، މިއަދު ބޮޑު ޒުވާބަކަށް ގޮސް، މަލާމާތުގެ ބަސްމަގަކަށް ބަދަލުވެއްޖެ އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މިއީ "މޮޑަން ހިސްޓްރީގައި، ރިޔާސީ ބަހުސަކުން ނުފެންނަ ވަރުގެ ކަމެކެ"ވެ.
ބަހުސްގެ ކުރިން ވެސް ރައީސް ޓްރަމްޕްގެ ފަރާތުން ހަރުކަށިކަމާއި ގޮތްދޫނުކުރުމާއި އިތުރުފުޅު ހެއްދެވުން އޮންނާނެ ކަމަށް، އެމެރިކާގެ ތަޖުރިބާކާރުން ބުނެފައިވެ އެވެ. ބައިޑަންގެ މަޑުމައިތިރި ބަސްމަގުގައި، ޓްރަމްޕާ ވާދަކުރެވޭނީ ކިހާ ވަރަކަށްތޯ ވެސް، ބައެއް ނޫސްވެރިން ގެންދިޔައީ ސުވާލު އުފައްދަމުންނެވެ.
ހިޔާލު ހޯދުމުގެ ހުރިހާ ވޯޓެއްގައި ވެސް، ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. އެހެންކަމުން މި ބަހުސްއަކީ ޓްރަމްޕަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި، އޭނާގެ ކެމްޕޭނުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު ޒާތީ ގޮތުން ބަހުގެ ހަމަލާތައް މާ ގިނައިން ދެއްވައިފި ނަމަ ޓްރަމްޕަށް އޮތް ގެއްލުން ބޮޑުވެދާނެ ކަމަށް، މީޑިއާތަކުން ލަފާކުރި އެވެ.
އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބަހުސްގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ފޮކްސް ނިއުސްގެ ހުށައެޅުންތެރިޔާ ކްރިސް ވެލެސް މޮޑަރޭޓަރެއްގެ ގޮތުގައި އިން ބަހުސްގައި އޭނާއަށް ގިނަ ފަހަރު ޖެހުނީ، "ވާދަވެރިޔާ ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން" ރައީސް ޓްރަމްޕަށް ދަންނަވާށެވެ.
"އަނގަ މަޑުން ލައިގެން ހުރެދާނަންތަ؟" ހިތްހަމަޖެހިވަޑައިނުގެން، ބައިޑަން އެއްފަހަރަކު، ޓްރަމްޕާ ދިމާއަށް ވިދާޅުވި އެވެ.
"މިއީ ރިޔާސީ ބަހުސެކޭ ބުނެވޭވަރުގެ ކަމެއް ނޫން."
ބައިޑަން ވެސް ވަނީ ޒާތީ ގޮތުން ޓްރަމްޕާ ދިމާއަށް އެއްޗެހި ވިދާޅުވެފަ އެވެ.
"ތިއީ އެމެރިކާއަށް ލިބުނު އެންމެ ކަމުނުދާ ރައީސް،" ބައިޑަން ވިދާޅުވި އެވެ.
"ތިބާއަށް 47 އަހަރުން ކުރެވިފައިނުވާހާ ގިނަ މަސައްކަތް އަހަރެން 47 މަހުން ކޮށްފިން،" ރައްދުގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕާ ދިމާއަށް ބެއްލެވުމެއް ނެތި، ބައިޑަން ގާތްގަނޑަކަށް މުޅިން ވެސް ވާހަކަ ދެއްކެވީ ކެމެރާއަށް ނަޒަރު ހުއްޓާލައްވައިގެން ހުންނަވަ އެވެ. އެކަމަކު ޓްރަމްޕަށް އަމާޒުކުރައްވައި، މަލާމާތުގެ ބައެއް ހަމަލާތައް ދެއްވި އެވެ. އެގޮތުން "ނަސްލީ އިމްތިޔާޒް ގެންގުޅުއްވާ" ކަމާއި "ދޮގުވެރިއެއް" ކަމަށް ވިދާޅުވުން ފަދަ ބަސްތަކުން ބައިޑަން، ޓްރަމްޕް ރުޅިއެރުވި އެވެ.
ބަހުސަށް ފަހު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އާއި އަނބިކަނބަލުން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ދޮން ފުލުހުންގެ ފަރާތުން ކަޅު ނަސްލުމުގެ މީހުންނަށް ލިބޭ އަނިޔާތަކާއި މަރުތަކާ ގުޅިގެން ފެށިފައި އޮތް މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ. އެހެންކަމުން އިންތިހާބުގައި ނަސްލީ ތަފާތުގެ މައުލޫއު ހޫނެވެ. އަދި ޓްރަމްޕަށް ސަޕޯޓްކުރާ ގްރޫޕްތަކުގެ ތެރޭގައި "ދޮން މީހުންގެ މަތިވެރިކަމަށް" ދައުވާކޮށް، ހަރުކަށި ވިސްނުން ގެންގުޅޭ ބައިގަނޑުތައް ހިމެނެ އެވެ. އެކަމަކު އެފަދަ ހަރުކަށި މީހުންގެ އަމަލްތައް ކުށްވެރިކުރައްވާކަށް، ޓްރަމްޕަކަށް ކެރިވަޑައެއް ނުގަތެވެ.
ދޮން މީހުންގެ ބާރުވެރިކަމަށް އަޑުއުފުލައި އަދި ނަސްލީ ތަފާތުކުރުން ގެންގުޅޭ ގްރޫޕްތަކެއްގެ ނަން ވިދާޅުވާން، މޮޑެރޭޓަރު ވެލެސް އެދުމުން، ބައިޑަން ވިދާޅުވީ "ޕްރައުޑް ބޯއީސް"ގެ ނަމެވެ. އެކަމަކު ޓްރަމްޕަށް އެއްވެސް ގްރޫޕެއްގެ ނަން ވިދާޅުވާކަށް ކެރިވަޑައެއް ނުގަތެވެ.
ކޮރޯނާވައިރަސް އާއި ޓްރަމްޕް
ކޮރޯނާވައިރަސްގައި މިހާތަނަށް އެއް ގައުމަކުން އެންމެ ގިނަ މީހުން މަރުވެ، އަދި ބަލި ޖެހުނީ ވެސް އެމެރިކާގަ އެވެ. އެމެރިކާގައި މަރުވި މީހުންގެ އަދަދު 200،000 އަށް އަރަ އެވެ. އަދި ބަލި ފެތުރެން ފެށި ދުވަސްކޮޅު ވެސް، ސައިންސްވެރިންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާކުރުމާއި އިރުޝާދުތަކާ ދެކޮޅަށް ޓްރަމްޕް ގެންދެވީ ވާހަކަ ދައްކަވަމުންނެވެ. އަދި އާންމު ފަރުދުންގެ ހަރަކާތްތައް ހުއްޓުވުމާއި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާ ވެސް ދެކޮޅެވެ.
އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބަހުސްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ނޮވެމްބަރު 3ގެ އިންތިހާބު ކުރިމަތިވި އިރު، ބަލިމަޑުކަން ކޮންޓްރޯލްކުރަން ޓްރަމްޕްގެ ސަރުކާރުން ގެންގުޅުުނު ސިޔާސަތާ މެދު އެމެރިކާގެ ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ.
ބަހުސް ބައްލަވަން ވަޑައިގެންނެވި ޓްރަމްޕްގެ އާއިލާގެ ބޭފުޅުން ތިއްބެވީ ވެސް މާސްކް ނާޅުއްވަ އެވެ. އެކަމަކު ހޯލަށް ވަނުމުގެ އުސޫލުތަކުގެ ތެރޭގައި މާސްކް އެޅުން ވެސް ހިމެނެ އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އެޅި ނަމަ "އެމެރިކާާގެ ލައްކައެއްހާ މީހުންގެ ފުރާނަ ސަލާމަތްކުރެވުނީހެ"ވެ.
ބަލިމަޑުކަމުގެ ތެރޭގައި ވެސް އާންމު އެއްވުންތައް ބާއްވަމުން ގެންދަވާތީ އެކަމާ ބެހޭ ގޮތުން ބައިޑަން ވާހަކަ ދެއްކެވުމުން ޓްރަމްޕްގެ މަލާމާތުގެ ރައްދަކަށް ވީ "ތިބާއަށް ވެސް އެވަރަށް މީހުން އެއްކުރެވޭ ނަމަ އެގޮތަށް އެއްވުންތައް ބޭއްވީހެ"ވެ.
ބައިޑަން ކެމްޕޭންގައި އާންމުންގެ ބޮޑެތި އެއްވުންތަކެއް ނުބާއްވަ އެވެ. ކުދިކުދި ބައްދަލުވުންތައް ވެސް ބާއްވަނީ ގައިދުރުކުރުމާއި މާކްސް އެޅުން ފަދަ އުސޫލުތަކާ އެކުގަ އެވެ.
އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބަހުސްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވާ އިރު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަޑުއައްސަވަނީ. --ފޮޓޯ:އޭއެފްޕީ
މުޅި ބަހުސްގައި ވެސް ސަރުކާރުގެ ކުރިމަގުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ޓްރަމްޕް ވާހަކައެއް ނުދައްކަވަ އެވެ. އަދި ބައެއް ކަންކަމުގައި ކަނޑައެޅިގެން ދޮގު ހެއްދެވި ކަމަށް، އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ.
ކުރިއަށް އަދި ދެ ބަހުސް އެބަ އޮތެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންތިހާބުގައި ވޯޓު ލާނެ ގޮތް އެމެރިކާގެ ގިނަ ބަޔަކު މިހާރު ތިބީ ނިންމައިގެންނެވެ. އެހެންކަމުން މި ބަހުސްތަކުން މާ ބޮޑު ބަދަލެއް، އާންމުންގެ ވިސްނުމަށް އަތުވެދާނެ ކަަމަކަށް، ބައެއް ތަޖުރިބާކާރުން ގަބޫލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ