ޗައިނާ އިން މަސައްކަތް ކުރަނީ ފައިސާ ދީގެން ވެސް ގައުމު ހަލަބޮލި ކުރަން: އާޒިމް

އިދިކޮޅު ފަރާތްތަކަށް ފައިސާ ދީގެން ޗައިނާ ސަރުކާރުން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.
މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުން އަރައިނުގަނެވި ހުރިހާ ގައުމުތަކެއް ބަލިމަޑުކަމެއްގައި ވަނިކޮށް ރާއްޖޭގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް، ޕީޕީއެންސީ ކޯލިޝަނުން ވަނީ މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އިދިކޮޅަށް ފާޑުކިޔަމުންނެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތަކީ ޗައިނާ ސަރުކާރުން ފައިސާ ހަރަދު ކޮށްގެން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކުރަމުން ރާއްޖެޓީވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ، މިފަދަ ނާޒުކު ހާލަތެއްގައި މުޅި ދުނިޔެ ވަނިކޮށް ޗައިނާއިން ރާއްޖޭގެ ސިޔާސީ ކަންތައްތަކަށް ބެހުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލުމަށް ޗައިނާގެ ސަރުކާރަށް ދަންނަވާ ކަމަށެވެ.
"ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން އަޅުގަނޑުމެންގެ މި މާހައުލު، އަޅުގަނޑުމެންގެ މިގައުމު ހަލަބޮލި ކުރަން. މި ނުރައްކާތެރި ދަނޑިވަޅުގައި މިގައުމު ހަލަބޮލި ކުރަން ކުރާ މަސައްކަތް ނުކުރައްވާށޭ. އަޅުގަނޑު ބޭނުން ޗައިނާ ސަރުކާރަށް ވެސް އަދި ޗައިނާ ސަފީރާ އަޅުގަނޑު ބޭނުން މިވާހަތަކައް ދަންނަވަން އެހެން ނަހައްދަވާށޭ."
~ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އަލީ އާޒިމް
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު "ބޮޑު މަންޒަރު އަދި އޮތީ" ކަމަށް ބުނެ ދައްކަވާފައިވާ ވާހަކައަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، ބޮޑު މަންޒަރު ކިތަންމެ ފަހަރަކު އޮތީ ފެނިފައި ކަމަށާއި އަލުން އަނބުރާ އެމްޑީޕީގެ ވެރިކަން ވައްޓާލާނެ ފުރުސަތު ރައީސް ވަހީދަށް ނުދެއްވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ކޮންމެ ފަހަރަކު އެމްޑީޕީގެ ވެރިކަމާ ތޮޅި، ބޭނުން ގޮތެއް ހަދަން އިދިކޮޅަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ އިދިކޮޅަށް ހަޖަމު ނުވެގެން އުޅެނީ އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތައް ފެނި އެހެން ގޮތެއް ނެތިގެން ކަމަށެވެ. އަދި މި ސަރުކާރުން އަބަދު ވެސް ކުރިއަށްދާނީ ހުރިހާ އަވަށްޓެރި ގައުމުތަކަކާއި ގުޅިގެން އެފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ހޯދަމުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ އަވަށްޓެރި އިންޑިއެކޭ އެއްގޮތަށް ޗައިނާ އަކީ ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށް ވިދާޅުވެ، އަދުގެ ސަރުކާރު ސިޔާސަތުތަކާ ޗައިނާއިން ނުބެހުމަށް ގޮވާލާފައެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުން އިންޑިއާ އާއި ބަހައްޓާ ގާތް ގުޅުމަށް ފާޑުކިޔައި ރައްޔިތުންގެ މެދުގައި ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ