ރައީސް ނަޝީދަށް ޗައިނާ ސަފީރު އަނެއްކާވެސް ރައްދުދެއްވައިފި

ޗައިނާއަށް ކުރީ ސަރުކާރުން 12 ރަށެއް ދީފައިވާ ކަމުގައި ވިދާޅުވެ، ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހައްދަވަނީ އިތުރުފުޅެއް ކަމުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގ ލިޒޮންގ ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ނެރުއްވި ހުޅުވާލެވިފައިވާ ސިޓީއެއްގައި ކުރީ ސަރުކާރުގައި ޗައިނާއަށް 12 ރަށް ދީފައިވާ ކަމުގައާއި ޗައިނާއަށް ރާއްޖޭގެ ސިޔާދަތީ ބާރު ދޫކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން ޗައިނާ ސަފީރުވަނީ ސިލްސިލާ ޓުވީޓުތަކެއްގައި ރައްދުދެއްވާފައެވެ. ރައީސް ނަޝީދު ޓެގުކުރައްވައި ސަފީރުކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ޕާޓީއެއްގެ ލީޑަރު އެންމެ އާދައިގެ ޢަދަދުތައް އޮޅުން ފިލުއްވަން ވަގުތު ހޭދަނުކުރެއްވުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމުގައެވެ. 12 ރަށެއް ނޯންނާނެ ކަމުގައާއި، ތެދުވެރިކަމާއެކު އެކަން ބެއްލެވުމަށް ރައީސް ނަޝީދުގެ އަރިހުން ސަފީރު އެދިވަޑައިގެންނެވިއެވެ. ޗައިނާއާއި ރާއްޖޭގެ މެދުގައި އޮތް އެކުވެރި ގުޅުން ބިނާވެފައިވަނީ ހަމަހަމަކަމާއި، ސިޔާދަތަށް ފުރިހަމައަށް އިހުތިރާމުކުރުމުގެ މައްޗަށް ކަމުގައިވެސް ސަފީރު ފާހަގަކުރެއްވިއެވެ. އަދި ޒިންމާދާރު ބޮޑު ޤައުމެއްގެ ގޮތުގައި ޖީ-20ގެ ނިންމުމާ އެއްގޮތަށް ދިވެހި ސަރުކާރަށް ޗައިނާ ސަރުކާރުން ދީފައިވާ ލޯނުތައް އަދާކުރުން ފަސްކޮށްދީފައިވާ ކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިހާރުވެސް މަޝްވަރާކުރިއަށްދާ ކަމުގައި ސަފީރު ވިދާޅުވިއެވެ. އަދި ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތާއި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި ޗައިނާއިން ރާއްޖެއާއެކީ ވަރަށް ގާތުން މަސައްކަތްކުރަމުންދާ ކަމުގައި ސަފީރު ވިދާޅުވިއެވެ. އަދި އިތުރު ބޮޑެތި މަޝްރޫޢުތަކުގައިވެސް ދެ ޤައުމުގެ މެދުގައި އެއްބާރުލުން އޮތް ކަމަށާއި، ގިނަ ބަޔަކު ދެޤައުމުގެ މެދުގައި މިހާރަށްވުރެ ގާތް ގުޅުމެއް ބޭއްވުމަށް ތާއީދުކުރާ ކަމުގައި ޤަބޫލުކުރައްވާ ކަމުގައި ސަފީރު ވިދާޅުވިއެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ކޮންމެ ފުރުޞަތެއްގައި ހެން ޗައިނާއަށް އެމަނިކުފާނު އެކި ބާވަތުގެ ހަމަލާތައް ދެއްވައެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ދިވެހިރާއްޖޭގައި ޗައިނާއިން ޢަސްކަރީ މަރުކަޒެއް ޤާއިމުކޮށްފައިވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ ޗައިނާއިން ދީފައިވާ ލޯނުތަކާއި މާލީ އެހީތެރިކަމަކީ ދަރަނި ދަންތުރައެއް ކަމުގައި ނަޝީދު ވަރަށް ގިނައިން ވިދާޅުވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ