ދިރާގު: ދިވެހިންގެ ޑިޖިޓަލް ތަޖުރިބާ ފަހިކޮށް އާ އުސްމިންތަކަކަށް ގެންގޮސްދިން ކުންފުނި

މުއާޞަލާތީ ޚިދުމަތަކީ ޤައުމުތަކުގެ ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބެވެ. މިއީ މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ހަމަ ޔަޤީނުންވެސް ވެފައިވާ ޚިދުމަތެކެވެ. މިޒަމާނުގައި މި ޚިދުމަތާ ނުލައި އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ހޯދުމަކީ މުސްތަހީލު ކަމަކަށްވަނީ ވެފައިއެވެ.
މިއަދަކީ ރާއްޖޭގެ މުއާޞަލާތީ ސިނާއަތް ފަށައިދީ، ދިވެހި އިޤުތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ބައިވެރިޔާ، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ގައުމީ ޚިދުމަތުގައި ފަޚުރުވެރި 32 އަހަރު ފުރުނު ދުވަހެވެ.
ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ގައުމެއްކަމުގައި ވުމުން، މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ޚާއްޞަކޮށް މުއާޞަލާތީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގައި، އެހެން ޤައުމުތަކާ ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ޤައުމެކެވެ. އަދި ހަމަ އެހެންމެ މިއީ މިކަމަށް ކުރަންޖެހޭ ހޭދަ ވެސް ނުހަނު ބޮޑު ކަމެކެވެ.
މީގެ 32 އަހަރު ކުރިން ދިރާގުން ފެށި އަގުހުރި މަސައްކަތީ މިއީއެވެ. މުޅިން އަލަށް ރާއްޖޭގައި މުއާޞަލާތީ އިންފްރާސްޓަރަކްޗާތައް ބިނާކޮށް، އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ކޮށް، މި ކުޑަ ޖަޒީރާ ރާއްޖެ ދުނިޔޭގެ ޗާޓުން ފަވާލާ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ ގުޅުވާދިނުމެވެ.
ދިރާގުން ރާއްޖޭގައި މި ދާއިރާއަށް ޚިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރު ތެރޭ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފައިއެވެ. އަމިއްލަ ފަރުދުންގެ މުއާޞަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ދިވެހިރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާޞަލާތީ ޚިދުމަތްތައް ވެގެންދިޔައެވެ.
ދިރާގުގެ މުވައްޒަފުންތަކެއް ފޮޓޯ: ނިޝާން އަލީ/ މިހާރު
ޑިޖިޓަލް ލީޑަރ
ދިރާގުން ފޯރުކޮށްދޭ މި ޚިދުމަތްތަކުގެ ލިސްޓްގައި ހިމެނޭ ކަންތައް ވަރަށް ދިގެވެ. އެގޮތުން، ދިރާގު އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، ރާއްޖެ ފަދަ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ވަކިވަކި ޖަޒީރާ ރަށްތަކަކަށް، ޓެލެފޯނުގެ ޚިދުމަތް ފޯރުކޮށްދީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު ކުރު މުއްދަތެއްގެ ތެރޭގައި ނުހަނު ކާމިޔާބު ކަމާއެކު ދިރާގުން ނިންމާލިއެވެ. އެތައް ސަތޭކަ ރަށެއްގެ މައްޗަށް އެކުލެވޭ ގައުމުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވަރަށް ވެސް ބޮޑު ގޮންޖެހުމެއް ކަން ޔަގީނެވެ. ނަމަވެސް ދިރާގުން މުޅިން އަލަށް، ޓެކްނޮލޮޖީގެވެސް ޅަފަތުގެ ދައުރުގައި މި މަސައްކަތް ކާމިޔާބުކަމާއެކު ކުރުމުކީ ތައުރީފާއި ޝުކުރު ޙައްޤު މަސައްކަތްތަކެއްކަން ޔަގީނެވެ. އެހެނީ، މިއީ ޤައުމުގެ ތަރައްޤީއަށް އެޅިގެން ދިޔަ އެންމެ މައި އެއް ބިންގަލެވެ. އެ މަސައްކަތް ނިމިގެންދިއުމާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއް މުއާޞަލާތީ ވިއުގައަކުން ގުޅި، އެތައް ރޮނގަކުން ކުރިއެރުންތައް ހޯދާނެ މަގު ފަހިވެގެންދިޔަ އެވެ.
މީގެ އިތުރުން، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އިތުރު 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް އަކުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު އެންމެ ފުރަތަމަ ގުޅުވާލީވެސް ދިރާގުންނެވެ. މި ކޭބަލް އެޅުމާއެކު މުއާޞަލާތީ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް އެތައް ޚިދުމަތެއް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ހަމައެއާއެކު، އެ ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ޚިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން އެންމެފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަރ ޓު ދަ ހޯމް އިންޓަނެޓްގެ ޚިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ޚިދުމަތް މިހާރު އާބާދީގެ 76 ޕަސެންޓަށް ލިބެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ޚިދުމަތްވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
މުއާޞަލާތީ ރޮނގުން މުޅި އޭޝިއާ ސަރަޙައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތަޢާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ޚިދުމަތްތައްވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ. އެ އިރެއްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ދިރާގުން ދަނީ ރާއްޖެއަށް އަބަދުވެސް ފޯރުކޮށްދެމުންނެވެ.
މާލެ: މޭ 25، 2017: ދިރާގުގެ މުވައްޒަފުންތަކެއް އާ ޔުނީފާމާއެކު ބަޔަކަށް ހިދުމަތް ދެނީ: ދިރާގުގެ ބްރޭންޑާއެކު މުވައްޒަފުންގެ ޔުނިފޯމް ވެސް ވަނީ ބަދަލުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދިވެހިންގެ ކުންފުނި
ދުނިޔޭގެ ޓެކްނޮލޮޖީ ސިނާޢަތަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ސިނާޢަތެކެވެ. ދިރާގުންވެސް ދަނީ ހަމަ އެ ހަލުވި މިނުގައި ޓެކްނޮލޮޖީ އާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން، ޒަމާނީ ޚިދުމަތްތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައިއެވެ. އަދި ވޭތުވެދިޔަ 32 އަހަރު ތެރޭ ގައުމަގައި ހިނގައިދިޔަ ކުދި ބޮޑު ހުރިހާ ކަމެއްގައި، އެކި ގޮތްގޮތުން ޚިދުމަތް ފޯރުކޮށްދެމުން ދިޔަ މައި އެއް ކުންފުންޏަކީ ދިރާގޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެގޮތުން، ކޮވިޑް19ގެ މި ބަލިމަޑުކަމުގައި ވެސް ދިރާގުން ދައްކައިދިން ނަމޫނާ ފާހަގަކޮށްލެވެއެވެ.
މުޖުތަމަޢަށް ފޯރުކޮށްދިން ގިނަ ގުނަ އެހީތެރިކަމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއި ފަސޭހަތައް ދިޔައީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓްތައް އިތުރުކޮށް، ޑޭޓާއަށް އޮތް ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންގެ ޚިދުމަތުގެ ތަޖުރިބާއަށް ބުރޫނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ކޮށްފައިއެވެ.
އަދި ހަމައެހެންމެ، ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތަކަށް ބަދަލު ގެނެސް، ޚިދުމަތްތައް ފަރުމާކުރަމުންނެވެ. އެގޮތުން ދިރާގުން ދާދި ފަހުން ވަނީ އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށާއި ޕްރީޕެއިޑް ޚިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ޚަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތަކަށްވަނީ ބަދަލު ގެނެސްފައިއެވެ.
ކަންމިހެން ވުމާއެކު، ދިރާގުގެ 32 އަހަރުގެ ޙަޔާތުގައި ކަސްޓަމަރުންނާ ގާތް ގުޅުމެއް ދަމަހައްޓާ، ކަސްޓަމަރުންނާއި ދިވެހިންގެ އިތުބާރާއި ލޯބި ވަނީ އެ ކުންފުންޔަށް ލިބިފައިއެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުންވެސް ގިނަ ކަސްޓަމަރުން ދިރާގު އިޚްތިޔާރުކޮށް ދިރާގާއެކު ދެމިތިބުމުންނެވެ. މި ކަމުން ރަމްޒުކޮށްދޭ މުހިންމު އެއްކަމަކީ، ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނިކަމެވެ.
ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެ އެވެ. 1988 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުމުގެ މަގު ތަނަވަސްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުން އަންނަ މި ކުންފުންޏަކީ ހަމަގައިމުވެސް ކޮންމެ ދިވެއްސެއްގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ މަޤުބޫލު އަދި މީހުންނާ އެންމެ ގާތްކޮށް ދެކޭ އެއް ބްރޭންޑަކީ ދިރާގެވެ.
އިޖުތިމާޢީ ރޮނގުން ނަމުނާ
ދިރާގަކީ ހަމައެކަނި މުއާޞަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާޢީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކުންފުންޏެވެ. އެގޮތުން، ދިރާގުގެ އިޖުތިމާޢީ ޒިންމާ ނުވަތަ "ސީ.އެސް.އާރް"ގެ ދަށުން ދަނީ ކުޑަކުދިންނާއި، ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅުއަޅައި، މުވައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީވެސް ދިރާގެވެ.
ދިރާގަކީ ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ދިވެހި ކުންފުންޏަކަށް ވީހިނދު، ދިރާގުގެ މާޒީގައިވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުއާޞަލާތީ ތަރައްޤީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ގުޑުމެއްނެތި ދިރާގު ދެމިހުންނާނެކަމީ އެއްވެސް ޝައްކެތްނެތް ކަމެކެވެ. "އެންރިޗިންގ ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.
ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ