ޑަބިޔަލެއްގައި އައްޑުއަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ބިސްކޯދު ޑަބިޔަލަކަށް އަޅައިގެން އައްޑޫ ސިޓީއަށް މަސްތުވާތަކެތި ގެންދަން އުޅުމުގެ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކަކު ހައިކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ބ. ތުޅާދޫ އަޒުމް، މުހައްމަދު އިމާދު ދޫކޮށްލާފައި ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް ހައިކޯޓުން މިއަދު އަމުރު ކުރުމުން ކަމަށެވެ.
ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ހައިކޯޓުން މިއަދު ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ 15 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް ފަހު އޭނާ ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.
ހަނީފް ވިދާޅުވީ އޭނާ ދޫކޮށްލި ނަމަވެސް އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.
އިމާދުގެ އިތުރުން އެ މައްސަލައިގެ ތުހުމަތަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ހައްޔަރު ކުރީ ބ. ތުޅާދޫ، ރަންކޮކާގެ، ފައުޒާން މޫސާ،23 އެވެ. އޭގެ އިތުރުން އައްޑޫ ސިޓީ އިން އެ ޑަބިޔަލާ ހަވާލުވި އެ ސިޓީގެ ހިތަދޫ، ސްޕަންޖްގޭ، އާމިނަތު ޒާހިރާ 33، އާއި ހދ. ވައިކަރަދޫ، ކަސްތޫރިގޭ، މުހައްމަދު ރަޝާދު،49 ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. އެމީހާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ