މިފްކޯއިން ރޯދަ މަހާ ދިމާކޮށް މަސް މާރުކޭޓެއް ހުޅުވައިފި

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ރޯމަހުގެ ބާވަތްތައް ވިއްކަން މަސް މާރުކޭޓެއް މިއަދު ހުޅުވައިފި އެވެ. މިފްކޯއިން މިހާރު ވެސް ހިންގަމުން ގެންދާ "މަސް ފިހާރަ" އާ އިންވެގެން ހުންނަ މި މާރުކޭޓު ހުޅުއްވައިދެއްވީ އެ ކުންފުންޏަށް މަސް ކިރުވާ ދެ ދޯންޏެއްގެ ކެޔޮޅުންނެވެ. ރޯދަ މަހާ ދިމާކޮށް މިފްކޯއިން ހުޅުވި މި މަސް މާރުކޭޓާ ބެހޭ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާފިއު ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ފެންވަރު ރަނގަޅު މަހުގެ ބާވަތްތައް ތާޒާކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. "މި މަސް މާރުކޭޓު ހުޅުވުމުގެ މަގުސަދަކީ ރޯދަ މަހު އަގު ހެޔޮކޮށް ރައްޔިތުންނަށް މަސް ލިބޭނެ އިންތިޒާމެއް ހަމައްސައިދިނުން. މިއީ ރާއްޖޭގައި ހުރި ސިއްހަތަށް ފައިދާ ހުރި ގޮތުގައި މަސް ލިބެން ހުންނާނެ ހަމައެކަނި މާރުކޭޓޭ ބުނެވިދާނެ،" ޝާފިއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރޯދަ މަހާ ދިމާކޮށް މަސް މާރުކޭޓު ހުޅުވި ނަމަވެސް. ރޯދަ މަސް ނިމުމުން ވެސް މާރުކޭޓު ބަހައްޓަން ވިސްނާފައިވާ ކަމަށެވެ. "މިތަނަނަށް އަންހެން ބޭފުޅުން އައިސް ޒިޔާރަތްކޮށްލާފައި މަސް ގަނެގެން ދެވޭނެ. މިއީ އެހާވެސް ސާފު ތަނެއް،" ޝާފިއު ވިދާޅުވި އެވެ. މިފްކޯ މަސް މާރުކޭޓުގައި ލިބެން ހުރި މަހުގެ ބާވަތްތަކުގެ ތެރޭގައި ކަނޑު މަހުގެ އިތުރުން ކަންނެލި ވެސް ހިމެނެ އެވެ. މަސް ގަންނަން އަންނަ މީހުންގެ ގައިގައި މަހުގެ ލޭ ނުހޭކޭ ގޮތަށް ހަދާފައިވާ މާރުކޭޓުގައި މަސް ބުރިކޮށް ކޮށަން ހާއްސަ ތަނެއް ހަދާފައިވެ އެވެ. މި މާރުކޭޓުން ލިބެން ހުރި މަހުގެ ބާވަތްތަކުގެ ތެރެއިން ފިޝް ކަޓެއް ކިލޯއެއް ލިބެނީ 75ރ. އަށެވެ. އަދި ފިޝް ލޮއިންސް ކިލޯއެއް 60ރ. އަށް ވިއްކާއިރު ކަންނެލި ބްލޮސް ކިލޯއެއް ދެނީ 75ރ. އަށެވެ. މީގެ އިތުރުން ވެސް ކަނޑު މަސް، ރިހަ ކައްކަން ރެޑީކޮށް ކޮށައިގެން ވެސް އެތަނުގައި ވިއްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ