ޓޮޓެންހަމުގެ ލޫކާ މޮޑްރިކް ރިއާލް މެޑްރިޑް އަށް ދާން އެއްބަސް ވެއްޖެ

ޓޮޓެންހަމްއަށް ކުޅެމުން އައި ކޮރޭޝިއާގެ މިޑްފިލްޑަރ ލޫކާ މޮޑްރިކް ސްޕެއިންގެ ރިއާލް މެޑްރިޑް އަށް ދާން އެއްބަސް ވެއްޖެއެވެ.
މުސާރައާމެދު އަދި ގޮތެއް ނުނިމި އޮތް ކަމުގައިވިޔަސް މެޑްރިޑްގެ އެހެން ހުރިހާ ހުށަހެޅުންތަކަކަށް މޮޑްރިކް އެއްބަސްވެފައިވާ ކަމަށް ކޮރޭޝިއާގެ ވެބްސައިޓެއްގައި ބުނެފައިވެއެވެ. އެ ވެބްސައިޓު ބުނާގޮތުން ޓޮޓެންހަމްއިން އޭނާ ދޫކޮށްލަން ބޭނުންވަނީ 40 މިލިއަން ޕައުންޑަށެވެ. ނަމަވެސް އަދި ވަކި ވަރެއް ހަމަ ނުޖެހޭ ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެޓިމުންވެސް އެއްބަސްވުމަކަށް އަންނާނެ ކަމަށް އެ ވެބްސައިޓުގައި ބުނެފައި ވެއެވެ.
ރިއާލްމެޑްރިޑްގެ ކޯޗް ހޯސޭ މޮރިނިއޯގެ ކުރީގެ ޓީމް ކަމަށްވާ ޗެލްސީއިން ވެސް ވަނީ ވޭތުވެދިޔައަހަރު މޮޑްރިކް ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭރުގެ ޓޮޓެންހަމްގެ ކޯޗު ހެރީ ރެޑްނެޕް ވަނީ އޭނާ ދޫކޮށްލަން އެއްބަސް ނުވެފައެވެ. ނަމަވެސް ޓޮޓެންހަމް ލީގުގެ ހަތަރުވަނައަށް ނިންމުމުން އެޓީމުން ވަނީ ރެޑްނެޕް ވަކިކޮށް، ޗެލްސީއިން ވަކި ކުރި އަންދްރޭ ވިޔާސްބޯސް ގެނެސްފައެވެ.
ޗެލްސީއިން މޮޑްރިކް ހޯދުމަށް މަސައްކަތް ކުރި އިރު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ވިޔާސްބޯސް ވޭތުވެދިޔަ ހަފްތާގައި ޓީމާ ގުޅުން ނަމަވެސް، މޮޑްރިކް އެޓީމުގައި އިތުރަށް ބެހެއްޓުމަކީ އުނދަގޫކަމެއް ކަމަށް ބޭރުގެ ބައެއް މީޑިއާ ތަކުން ހާމަ ކުރެއެވެ.
ނިމިގެން ދިޔަ ޔޫރޯގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ އުމުރުން 26 އަހަރުގެ މޮޑްރިކް ޓޮޓެންހަމްއާ ގުޅުނީ 2008 އަހަރުގައެވެ. އަދި މޮޑްރިކް ވަނީ އެޓީމަށް 127 މެޗު ކުޅެ 13 ގޯލް ޖަހާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ