މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ފުލުހުންކުރާ އަނިޔާތަަކުގެ ހައްގު އަދަބު ދިނުމަށް އެދިއްޖެ

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކި ފަހަރު މަތިން ފުލުހުން ކޮށްފައިވާ އަދި ކުރަމުން ގެންދާ އަނިޔާތައް ހުއްޓުވާ އެކަންތައްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެމްޑީޕީ
ޕާލިމެންޓްރީ ގުރޫޕުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ދަންނަވައިފިއެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމު މުހައްމަދު ސޯލިހު(އިބޫ) ސޮއި ކުރައްވާ މަޖިލީޙުގެ ރައީސަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ، މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށްވާ އިރު، އެމްޑީޕީގެ މެމްބަރުންގެ ގަދަރާއި ކަރާމާތް ނަގާލާ ފުލުހުން ގަސްތުގައި ދެމުން ގެންދާ އަނިޔާތައް ހުއްޓުވާ އެކަންކަމާ މެދު ފިޔަވަޅު އެޅުމަކީ ވެސް މަޖިލީހުގެ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އެހެން ކަމުން މަޖިލީހުގެ ރައީސަށް ނާންގާ ފުލުހުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވެވަޑައިގަންނަވާ މެމްބަރުން ހައްޔަރު ކުރަމުންދާ މައްސަލައާއި،ފެބްރުއަރީ 7،8ގައި ހިންގި ގަތުލުއާއްމުގައި ވެސް ބައެއް މެމްބަރުންނާ ދޭތެރޭ އިހާނެތިކޮށް ހިތާ އަނިޔާކޮށް ހަދާފައިވާތީ، އެމައްސަލަތައް މިނިވަން ފަރާތެއް މެދުވެރިކޮށް ތަހުގީގު ކުރުމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް މެދުވެރިކޮށް ޝަރީއަތަށް ހުށަހަޅައިގެން އިންސާފު ހޯދާދިނުމަށް އެދިފައިވެއެވެ.
މަޖިލީހުގެ މެމްބަރުންނާ މެދު ފުލުހުން އިހާނެތިކޮށް ހިތަމުންދާ އިރު އެކަން އެނގިވަޑައިގެން މަޖިލީހުގެ ރައީސް ހަނުހުންނެވުމުގެ ސަބަބުން، އެފަދަ ކަންތައްތައް އިތުރުވަމުންދާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިހަފްތާގެ ތެރޭގައި އެމްޑީޕީން ކުރަމުންދާ މުޒާހަރާގެ ތެރޭގައި މިލަންދޫ ދާއިރާގެ މެމްބަރު އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މަނަދޫ ދައިރާގެ މެމްބަރު ތޯރިގަށް ހަމަލާދީ އަނިޔާކޮށްފައިވާ ކަމަށް ވެސް މިސިޓީގައި ބުނެފައިވެއެވެ.
އެހެން ކަމުން މެމްބަރުންނައި މެދު އިހާނެތިކޮށް ހިތަމުންދާ ފުލުހުންނާއި، އެމުއައްސަސާގެ އިސްފަރާތް ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒުގެ މިއަމަލު ހުއްޓުވައި އެފަރާތްތަކައި މެދު ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައިވެއެވެ.
ސީދާ ހަރަކާތުގެ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގައި ފަހަކަށް އައިސް މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ފުލުހުން ހަމަލާ ދެމުންދާ ކަމަށް އެޕާޓިންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ