ހުރާގައި ގެނބުނު ހާދިސާއާ ބެހޭ ރިޕޯޓް ބެލެނިވެރިންނާ ހިއްސާކޮށްފި

މި މަހުގެ ނުވަ ވަނަ ދުވަހު ފިޝަރީޒް ސައިންސްގެ ތަޖުރިބާ ދަތުރެއްގައި ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް ކ. ހުރަ އަށް ގޮސްގެން އުޅެނިކޮށް ހަތަރު ދަރިވަރަކާއި އެ ސްކޫލްގެ ޕްރިންސިޕަލް ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން އެޑިއުކޭޝަނުން އެކުލަވައިލި ޓީމުގެ ރިޕޯޓް، މަރުވި ދަރިވަރުންގެ އާއިލާތަކާ އިއްޔެ ހިއްސާކޮށްފި އެވެ. އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ރިޕޯޓްގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމުގެ ގޮތުން ކުރަންޖެހޭ ކަންތައް ކުރުމަށް ބަޖެޓްގައި ވަކި ޕްރޮގްރާމެއް ކަނޑައެޅުމަށް ލަފާ ދީފައިވާ ކަމަށެވެ. އަދި ސްކޫލްގެ ރައްކާތެރި ކަމުގެ ގޮތުން ހަދާފައިވާ ގަވާއިދުތައް ސްކޫލްގެ ވެރިންނާއި މުވައްޒަފުންނަށް މި އަހަރު ނިމުމުގެ ކުރިން އެންގުމަށް ވެސް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާއި ކޭމްޕް ދާ ސަރަހައްދުތަކުގައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ ލަފާ ދީފަ އެވެ. އެޑިއުކޭޝަނުން ބުނީ ހާދިސާ ހިނގާ ދިޔަ ގޮތް ދެނެގަތުމަށް އެކުލަވައިލި ރިޕޯޓްގައި ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒުކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ބެލެނިވެރިންނަށް ދެއްވި ކަމަށެވެ. މިނިސްޓަރު ޝިފާ މުހައްމަދުގެ އިތުރުން ސްކޫލް ބޯޑުގެ ޗެއާ ޕާސަން އާއި އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު ޑރ. އަބްދުﷲ ނަޒީރާއި، ހާދިސާއާ ގުޅިގެން އެކުލަވައިލި ބޯޑުގެ ޗެއާ ޕާސަން ޑރ. އަބްދުލް މުހްސިން މުހައްމަދު ވެސް ބެލެނިވެރިންނާ ބައްދަލުކުރެއްވި އެވެ. ހާދިސާއާ ބެހޭ ރިޕޯޓްގެ ތަފްސީލް އެޑިއުކޭޝަނުން ހާމައެއް ނުކުރެ އެވެ. އެޑިއުކޭޝަނުން ވަނީ ހުރާގައި ދިމާވި ހިތާމަވެރި ހާދިސާ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ