ސުއޫދުގެ ސަސްޕެންޝަން އުވާލައި ވަކާލާތު ކުރުމުގެ ހުއްދަ ދީފި

ކޯޓުގެ ހުރުމަތް ކެޑޭ ގޮތަށް ޓްވީޓެއް ކުރި ކަމަށް ބުނެ، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ސަސްޕެންޝަން އުވާލައި ވަކާލާތު ކުރުމުގެ ހުއްދަ އޭނާއަށް އެ ކޯޓުން މިއަދު ދީފި އެވެ. ސުޕްރީމް ކޯޓުގައި އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރައްވަމުން ގެންދަވަނިކޮށް ސުއޫދު ސަސްޕެންޑް ކުރީ ރިޔާސީ އިންތިހާބު ފަސްކުރަން އެ ކޯޓުން ނެރުނު އަމުރު ގާނޫނީ އަސާސީއާ ހިލާފު ކަމަށް ވިދާޅުވެ ސޯޝަލް ނެޓްވޯކްތަކުގައި ސުއޫދު ހިޔާލު ފާޅުކުރެއްވުމުންނެވެ. ސުއޫދު މިއަދު "ހަވީރަ"ށް ވިދާޅުވީ ސުޕްރީމް ކޯޓުން އޭނާގެ ސަސްޕެންޝަން މިއަދު އުވާލީ ކޯޓުގެ ހުރުމަތް ކެޑޭނެ ފަދަ އެއްވެސް އަމަލެއް އިތުރަށް ތަކުރާރު ނުކުރުމަށް ނަސޭހަތް ދިނުމަށް ފަހުގައި ކަމަށެވެ. ހުއްދަ ދިންކަން ކޯޓުން އެންގީ ސުޕްރީމް ކޯޓަށް އޭނާ މިއަދު ގެންގޮސް އެ ކޯޓުގެ ރެޖިސްޓްރާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ސުއޫދު ސަސްޕެންޑް ކުރުމަށް ފަހު އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ހުށަހެޅި އެވެ. އެ މައްސަލަ ފުލުހުން ބެލުމަށް ފަހު ދައުވާ ކުރަން ޕީޖީއަށް ފޮނުވި ނަމަވެސް ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފަ އެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި މައްސަލާގައި ސުއޫދުގެ އިތުރުން އެ މައްސަލާގައި ތަދައްޚުލްވި އެމްޑީޕީގެ ފަރާތުން ވަކާލާތު ކުރެއްވި ދެ ވަކީލުން ކަމަށްވާ ހިސާން ހުސެއިން އާއި ހަސަން ލަތީފަށް އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ވަކާލާތު ނުކުރެއްވޭނެ ގޮތަށް އޭރު ސަސްޕެންޑްކުރި އެވެ. ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހްމަތުކޮށް ހިސާނާއި ހަސަން ލަތީފް ސަސްޕެންޓްކުރީ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޖޭޕީން ހުށަހެޅި މައްސަލަޔަށް އެކަންޏެވެ. އެ ބޭފުޅުންގެ މައްޗަށް އިތުރު ސަސްޕެންޝަނެއް ނާދެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކޮށް ނަސޭހަތް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ