މުވައްޒަފުންގެ މުސާރައިގެ ކަންތައް ރިވިއުކުރުމުގެ މަސައްކަތް އަދިވެސް މިދަނީ ކުރަމުން: އައިލެންޑް އޭވިއޭޝަން

މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި އައިލެންޑް އޭވިއޭޝަން ސާވިސްގެ ގްރައުންޑް ހޭންޑްލިންގެ 93 މުވައްޒަފަކު ސޮއިކޮށްފައިވާ ޕެޓިޝަނާ ގުޅިގެން، އެ މުވައްޒަފުންގެ މުސާރައިގެ ކަންތައްތައް ރިވިއުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދަވާ ކަމަށް އެ ކުންފުނިން މިއަދު ވިދާޅުވެއްޖެ އެވެ.
ޑިރެކްޓަރު ހިއުމަން ރިސޯސަސް އިސްމާއީލް ޝުޖާއު ވިދާޅުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ކުއްލި ގޮތަކަށް ނިންމޭނެ ކަމަކަށް ނުވާތީ އެކަންތައް ވަރަށް ބޮޑަށް ބައްލަވަމުން ގެންދަވާ ކަމަށެވެ.
"ކޮންމެ ތަނެއްގައި ވެސް މުސާރަ ބޮޑުކުރުމުގައި ގެންގުޅޭނެ އުސޫލުތަކެއް ވެސް އޮންނާނެ. ހަމަތަކެއް ވެސް ހުންނާނެ. އެ އުސޫލުން އަޅުގަނޑުމެން ވެސް މިދަނީ އެކަންތައް ބަލަމުން. މުސާރައިގެ މައްސަލައިގައި ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ މެދުވެރިކޮށް މުވައްޒަފުންނާ ކޮމިއުނިކޭޓް ކުރަމުން މި ގެންދަނީ،" ޝުޖާއު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ގްރައުންޑް ހޭންޑްލިން ސާވިސަސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްނުދީފި ނަމަ މާދަމާ ހެނދުނު 30: 6 އިން ފެށިގެން ހަ ގަޑިއިރުގެ ހަޅުތާލެއް ކުރުމަށް މުވައްޒަފުން ރާވާފައިވާ ކަމަށް ބުނެ ބައެއް އިންޓަނެޓު ވެބްސައިޓްތަކުގައި ހަބަރު ފަތުރައިފަ އެވެ. އެހެން ނަމަވެސް ޕެޓިޝަނުގައި ސޮއިކުރި ބައެއް މުވައްޒަފުން މިއަދު ހަވީރަށް ކިޔައިދިން ގޮތުގައި އެއްވެސް ހަޅުތާލެއް ކުރުމަށް ރާވާފައެއް ނުވާނެ އެވެ. އަދި އައިލެންޑް އޭވިއޭޝަނުން ވެސް ވިދާޅުވީ މުސާރަ ބޮޑުކޮށް ނުދީފި ނަމަ، ވަކި ކަމެއް ކުރާނެ ކަމަށް ބުނެ އެއްވެސް ކަމެއް މުވައްޒަފުން ހުށަހަޅާފައި ނެތް ކަމަށެވެ.
"މުސާރަ ބޮޑުކުރުމަށް ވަކި މުއްދަތެއް ވެސް މުވައްޒަފުން ދީފައެއް ނެތް. އަދި މުސާރަ ބޮޑުކޮށް ނުދީފި ނަމަ މާދަމާ ހަޅުތާލެއް ކުރާނެ ކަމުގެ މައުލޫމާތެއް ވެސް މުވައްޒަފުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،" ޝުޖާއު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ގްރައުންޑް ހޭންޑްލިންގެ ބައެއް މުވައްޒަފުން ހުށަހެޅި ޕެޓިޝަން އަނބުރާ ގެންދިއުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ނަސޭހަތްތެރިވެ ވަޑައިގަތުމަށް އެދިވަޑައިގެން، ކުންފުނީގެ ޑިޕިއުޓީ ޑިރެކްޓަރު ގްރައުންޑް ސާވިސަސް އަހުމަދު ޒުހައިރަށް ފޮނުއްވި ސިޓީއެއް ވެސް އިންޓަނެޓުގައި ވަނީ ލީކް ކޮށްފަ އެވެ.
"އަދި މިހާރުން މިހާރަށް އެއްވެސް ކޮންޑިޝަނެއް ނެތި މި ޕެޓިޝަން އަނބުރާ ގެންދިއުމަށް މުވައްޒަފުންނަށް ނަސޭހަތްތެރިވުމަށް ދަންނަވަމެވެ. އަދި އަނބުރާ ގެންދިއުމަށް ފަހު މައްސަލައެއް އުޅޭ ނަމަ އެކަން ސުލްހަވެރިކަމާ އެކު ވާހަކަ ދައްކައިގެން ހައްލުކުރުމަކީ އެންމެ އެދެވޭ ގޮތް ކަމުގައި ދެކެމެވެ. ވުމާ އެކު ގްރައުންޑް ސާވިސަސް ޑިޕާޓްމަންޓުގެ އެންމެ އިސްކޮށް ހުރި މުވައްޒަފެއްގެ ހައިސިއްޔަތުން އަހުމަދު ޒުހައިރު މި ކަމުގައި އިސްނަންގަވައިގެން މިކަން ކުރިން ދެންނެވުނު ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި، 19 ފެބްރުއަރީގެ ކުރިން މިކަން ނިންމެވުން އެދެމެވެ،" ޕެޓިޝަން ހުށަހެޅި މުވައްޒަފުންނާ ހަވާލުވެ ހުންނެވި އަހުމަދު ޒުހައިރަށް، މިދިޔަ ބުރާސްފަތި ދުވަހު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ފޮނުއްވި ސިޓީގައި ވެ އެވެ.
އައިލެންޑް އޭވިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި ޝުޖާއު ވިދާޅުވީ އެ ސިޓީ އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ވިދާޅުވީ ގްރައުންޑް ހޭންޑްލިން ސާވިސަސްގެ އެންމެ އިސްވެރިޔާ އަހުމަދު ޒުހައިރަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ