އަންނަ އަހަރު ސިވިލް ސާވިސް އިން 5،400 މުވައްޒަފުން ވަކިކުރަން ބަޖެޓުގައި ކަނޑައަޅާފައިވޭ: ބަޖެޓް ކޮމެޓީ

ސިވިލް ސާވިސް އިން އަންނަ އަހަރުގެ ތެރޭގައި 5،400 މުވައްޒަފުން ވަކި ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީން މިއަދު ބުނެފި އެވެ.
ބަޖެޓް ކޮމެޓީގެ މެމްބަރަކު ވިދާޅުވި ގޮތުގައި ސިވިލް ސާވިސް އިން 5،400 މުވައްޒަފުން ވަކި ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސިވިލް ސާވިސް އިން ވަކި ކުރާ މުވައްޒަފުންގެ ރިޑަންޑަންޓް ފައިސާގެ ތަފުސީލު ހޯދުމަށް އެ ކޮމެޓީން އެދުމުން ލިޔުމަކުން އެ މިނިސްޓްރީން ދިން ޖަވާބެއްގަ އެވެ. އެހެން ނަމަވެސް ސިވިލް ސާވިސް އިން ވަކި ކުރާ މުވައްޒަފުންގެ ތަފުސީލެއް ބަޖެޓް ކޮމެޓީގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ސިވިލް ސާވިސް އިން ވަކިކުރާ މުވައްޒަފުންގެ ރިޑަންޑަންޓް ފައިސާގެ 119 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވެ އެވެ.
އެކަމާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ ސިވިލް ސާވިސް އިން އަންނަ އަހަރުގެ ތެރޭގައި 5،400 މުވައްޒަފުން ވަކި ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ސަރުކާރުން މިހާތަނަށް ދީފައި ނެތް ކަމަށެވެ. ފަހުމީ ވިދާޅުވީ ދައުލަތުގެ ވަކި މުއައްސަސާއެއް ނުވަތަ މަގާމެއް ހުސްވުމުން ސަރުކާރު ހިންގުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ސިވިލް ސާވިސްގެ މުވައްޒަފުން މަދުކުރަން ސަރުކާރުން ބޭނުންވާ ނަމަ އެކަމުގެ އެއްބާރުލުން ކޮމިޝަނުން ދޭނެ ކަމަށެވެ. އެއާއެކު ސިވިލް ސާވިސް ގާނޫނުގައި ބުނާ ގޮތުގެ މަތިން، ވަޒީފާ އިން ވަކިކުރާ މުވައްޒަފުންނަށް ރިޑަންޑަންޓް ފައިސާ އާއި އެހެނިހެން އިނާޔަތްތައް ވެސް ދޭންޖެހޭނެކަން ފަހުމީ ފާހަގަ ކުރެއްވި އެވެ.
ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރާއިރު ބޮޑެތި މުސާރަ އާއި އިނާޔަތްތައް ލިބޭ ސިޔާސީ މަގާމުތައް މަދު ކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ. ސިޔާސީ މަގާމުތަކުގެ އަދަދު މިހާރު 660 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރަނީ ގާތްގަނޑަކަށް 35،000 މުވައްޒަފުން ކަމަށް މި އަހަރުގެ ކުރީކޮޅު ލަފާކުރި ނަމަވެސް މިހާރު ސިވިލް ސާވިސްގައި ތިބީ 29،300 މުވައްޒަފުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ