ހުޅުމީދޫ އާ ސިއްހީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ސ. ހުޅުމީދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 19 އެނދުގެ އާ ސިއްހީ މަރުކަޒު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
މިތަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްހީ މަރުކަޒު ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އިލްޔާސް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އައްޑު އަތޮޅުވެރިޔާ ސައުދު އަބްދުﷲ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި ހުޅުމީދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސިއްހީ މަރުކަޒު ހުޅުއްވައި ދެއްވުމަށް ފަހު ހެލްތު މިނިސްޓަރު ދެއްކެވި ވާހަކައިގައި އަލަށް ހުޅުވުނު ސިއްހީ މަރުކަޒުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދެވި، ކުރިން ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ހަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމީދޫގައި އިމާރާތްކުރި އާ ސިއްހީ މަރުކަޒުގެ މަސައްކަތްކޮށްފައި ވަނީ މާރިސް ކޮންސްޓްރަކްޝަނުގެ ފަރާތުންނެވެ. ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކުރި މިޕްރޮޖެކްޓްގެ މަސައްކަތް އެ ކުންފުނިން ނިންމާލައިފައި ވަނީ ގާތްގަނޑަކަށް 15 ވަރަކަށް މަސް ދުވަހުގެ ތެރޭގަ އެވެ. މަސައްކަތް ނުނިމި ލަސްވެގެން ދިޔައީ ސިއްހީ މަރުކަޒު އިމާރާތްކޮށްފައިވާ ބިމުގައި ވެސް މައްސަލަތަކެއް ހުރުމުގެ އިތުރަށް މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވުމުން ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.
ސަރުކާރުން ހުޅުމީދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކޮށްފައި ވަނީ ދެ ރަށުގެ ރައްޔިތުންނަށް ކުރިން ހިދުމަތް ދެމުން ދިޔަ 10 އެނދުގެ ސިއްހީ މަރުކަޒަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ