މާކަނާ ޝޯގައި ރައީސްގެ ބައި ދައްކުވައިދޭ ޝަހްސިއްޔަތު ބަދަލުކުރުމަކީ ރައީސް ނަޝީދު ތަރުހީބު ދެއްވާ ކަމެއް ނޫން: ރައީސް އޮފީސް

ވީ.ޓީވީ އިން ދައްކާ މަޝްހޫރު "މާކަނާ ޝޯ"ގައި ހިމެނޭ ހިޔާލީ ރާއްޖެއެއްގެ ރައީސްގެ ބައި ދައްކުވައިދޭ ޝަހްސިއްޔަތު ބަދަލު ކުރެއްވުމަކީ ރައީސް މުހައްމަދު ނަޝީދު ތަރުހީބު ދެއްވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާ ހަވާލާ ދެއްވައި ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިޔާލީ ރައީސަކާ އާންމު ފަރާތްތަކާ ދެމެދު އެކިކަންކަމާ މެދު ދެކެވޭ ހިޔާލީ ވާހަކަތަކުން ސީދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ނިސްބަތްވާ ކަމަށް ދެކެފާނެތީ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ ސިޔާސީ ކަންކަމާ ބެހިވަޑައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި، އެހެންނަމަވެސް ހުދު އެކަމަނާ ވެސް މާކަނާ ޝޯގެ ހިޔާލީ ހުށަހެޅުންތަކަށް އިއުތިރާޒް ނުކުރައްވާ ކަމުގައި ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވި ކަމަށް ނޫސް ބަޔާނުގައިވެ އެވެ.
މާކަނާ ޝޯގައި ދައްކާ ހިޔާލީ ހުށަހެޅުންތަކަކީ، އަދި އެހެން ވެސް އެފަދަ އުފެއްދުންތަކަކީ ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް ކުރިއަށް ގެންދެވުމުގައި ތަފާތު ހުނަރުވެރި މަސައްކަތްތަކެއް ކުރެވޭ ހުށަހެޅުންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށާއި، ހިޔާލީ ހުށަހެޅުމެއް އެމަނިކުފާނަށް ނިސްބަތްވުމަކީ އެމަނިކުފާނު އެކަމާ ދެކޮޅަށް ކުޑަ ވެސް ފިޔަވަޅެއް އަޅުއްވަން ބޭނުންފުޅުވާނެ ކަމެއް ނޫން ކަމަށް ވެސް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވި ކަމަށް ނޫސް ބަޔާނުގައިވެ އެވެ.
ރައީސް އޮފީހުން މާކަނާ ޝޯގެ ވާހަކަތައް މިދެއްކީ، އެ ޝޯގައި ދައްކާ ރައީސްގެ ކެރެކްޓާ ބަދަލު ކުރަން ނުވަތަ ޝޯ ހުއްޓާލަން އެ ޝޯ ދައްކާ ވީޓީވީގެ ޗެއާމަން ގާސިމް އިބްރާހިމްގެ އެންގެވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ