އެ ޕާޓީއެއް އެދޭ ގޮތާ ހިލާފު އެޖެންޑާއަކާ އެކު ޖަލްސާ ކުރިއަށް ގެންދިޔަ ނުދޭނެ ކަމަށް ބޮޑު ދެ ޕާޓީން ވެސް ބުނޭ: މަޖިލީހުގެ ރައީސް

އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ނިންމުމަށްޓަކައި ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓިފައިވަނީ އެ ޕާޓީއަކުން އެދޭ ގޮތާ ހިލާފަށް ޖަލްސާގެ އެޖެންޑާ އެކުލަވާލައިފި ނަމަ ޖަލްސާ ކުރިއަށް ގެންދިޔަ ނުދޭނެ ކަމަށް ބޮޑު ދެ ޕާޓީން ބުނަމުން ދިއުމާ ގުޅިގެން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީ އާއި ޑީއާރުޕީއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމަށް ހައްލެއް ފެނޭތޯ އިއްޔެ ވެސް އެ ދެ ޕާޓީގެ ލީޑަރުންނާ މަޝްވަރާކުރެއްވި ކަމަށާއި އެކަމަކު އެންމެންނަށް އެއްބަސްވެވޭ ގޮތެއް ފެނިފައިނުވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ވިދާޅުވީ މަޝްވަރާތަކުގައި ހައްލެއް ނުފެނިއްޖެ ނަމަ އަންނަ މާދަމާ ޖަލްސާ ބޭއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރީ މާދަމާގެ [މިއަދުގެ ޖަލްސާ] ޖަލްސާ އަށް ކޮންމެވެސް ހައްލެއް ގެނެސްގެން މި ކަން ކުރިއަށް ގެންދެވޭތޯ. އެހެން ނަމަވެސް މިހާރު ކަންކަން މިހިރަ ގޮތުން އަދި އަޅުގަނޑުމެންނަކަށް އެ ހިސާބަކަށް ނުދެވޭ. މިހާރު ފެންނަ ގޮތުގައި މާދަމާގެ ޖަލްސާ [މިއަދުގެ ޖަލްސާ] ބޭއްވިޔަސް ޖަލްސާ ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނެތް. އެއީ އެއްވެސް ކޮޅަކުން މި ކަމުގައި އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނެތީމަ. އަދި އެކޮޅަކަށް، އެ ފަރާތަކަށް ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް ޖަލްސާގެ އެޖެންޑާ ކަނޑައަޅައިގެން ގެންދަން ފަށައިފި ނަމަ ޖަލްސާ ކުރިއަށް ގެންދިޔަ ނުދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާތީ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ޝާހިދު ވިދާޅުވީ އަދިވެސް އެއް ފަހަރު ޕާޓީތަކާއެކު މަޝްވަރާކުރައްވައިގެން ހައްލެއް ފެނޭތޯ މަސައްކަތްކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި މި ކަހަލަ ދަނޑިވަޅުތަކުގައި ކެތްތެރިކަމާއެކު ހައްލެއް ފެނޭތޯ ބެލުމަކީ މަޖިލީހުގެ މެމްބަރުންގެ ވާޖިބެއް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ނޫން ގޮތަކަށް ކުރިއަށް ދާ ނަމަ ނަތީޖާއަކަށްވާނީ ކުރިން ތިބި ހިސާބަށް ވުރެ ވެސް ފަހަތަށް ސޮއްސާލައިގެން ދިއުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު އުއްމީދުކުރަނީ އަންގާރަ ދުވަހު ޖަލްސާއެއް ބޭއްވުމަށް. އަންގާރަ ދުވަހުގެ ޖަލްސާއާ ހަމައަށް ދާއިރުގައި ހައްލެއް ގެނެވޭތޯ މަސައްކަތްކުރުން. އެހެން ނަމަވެސް އެ ހިސާބަށް ދާއިރު ހައްލެއް ނުހޯދިއްޖެ ނަމަ ދެން އަޅުގަނޑަށް މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން މަޖުބޫރުވާނީ ޖަލްސާއާއިގެން ކުރިއަށް ދިއުން. ޖަލްސާ ފެށުން. ކުރިއަށް ނުގެންދެވިއްޖެ ނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ކަންތައްތައް ކުރިއަށް ގެންދިއުން. މަޖިލީހުގެ ޖަލްސާ ހުއްޓާލަން ޖެހިދާނެ ހާލަތެއް ދިމާވެއްޖެ ނަމަ ހުއްޓާލުން. އެ ނޫން ގޮތަކަށް އަމަލުކުރަންޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެ ގޮތަށް އަމަލުކުރަމުން ގެންދިއުން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖެ އަށް މިހާރު ދިމާވެފައިވާ ހާލަތު ބަދަލުކުރުމަށްޓަކައި ދޫދިނުމުގެ ރޫހުގައި މަސައްކަތް ކޮށްދެއްވުމަށް ޕާޓީތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެގެން އުޅެނީ ފަނޑިޔާރުންގެ ބިލާއި އުއްތަމަ ފަނޑިޔާރުގެ މައްސަލަ އަދި ސުޕްރީމް ކޯޓުގެ ބެންޗް ކަނޑައެޅުމުގެ ތަރުތީބާ މެދުގައި ކަމަށެވެ. އެ ގޮތުން އެމްޑީޕީން ބޭނުންވަނީ ޝާހިދު ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރަކު ކަނޑައެޅުމުގެ މައްސަލަ އެޖެންޑާގައި ފުރަތަމަ ހިމެނުމަށް ފަހު ފަނޑިޔާރުންގެ ގާނޫނާއި ދެން އެހެން ކަންތައްތައް އެޖެންޑާ އަށް ގެނައުމަށެވެ. އިދިކޮޅު ޑީއާރުޕީ/ޕީއޭ ކޯލިޝަނުން ބޭނުންވަނީ ފަނޑިޔާރުންގެ ބިލްގެ މަސައްކަތް މަޖިލީހުން ނިންމާފައި އުއްތަމަ ފަނޑިޔާރުގެ މައްސަލަ އަދި އޭގެ ފަހުން އެހެން ކަންތައްތައް އަށް އެޖެންޑާކުރުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ އިންތިގާލީ މަރުހަލާގެ މަސައްކަތްތައް މިހާރުގެ ރައްޔިތުންގެ މަޖިލީހުން ނުކޮށް ތިބި ކަމަށް އާންމުންގެ ތެރޭގައި ވާހަކަ ދައްކަމުންދަނީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށެވެ. އެ މޭރުމުން ޝާހިދު ވިދާޅުވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ފެށިފައިވަނީ މެމްބަރުން މަގާމާހަވާލުވެ މޭ ،29 2009 ގައި ކަމަށެވެ. އެ ގޮތުން މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވީ ގާނޫނު އަސާސީގައި ބުނެފައިވާ ތާރީހަށްވުރެ މާ ފަހުން ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"އެ ހިސާބުން ފެށިގެން އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި މަސައްކަތްތަކަށް ބަލާއިރު އަޅުގަނޑު ވެސް ގަބޫލުކުރަން މަސައްކަތްތައް ރަނގަޅަށް ފުރިހަމަކުރެވޭ ފަދަ މާހައުލެއްގައި ކުރިއަށް ދިޔަ ނަމަ އެ ކަންތައްތައް ކުރެވުނީސް. އެހެން ނަމަވެސް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 2009 ގެ މޭ ގައި އަޅުގަނޑުމެން މަސައްކަތްތައް ފަށައިގެން ގެންދިޔަ އިރު މަޖިލީހުގައި ހަގީގަތުގައި މަސައްކަތްތައް ކުރުމުގެ ފުރުސަތު ގެއްލިގެންދާ އެތައް ދަނޑިވަޅުތަކެއް އާދޭ. އޭގެ ތެރޭގައި ތަޅުން ހޫނުވުމުގެ ސަބަބުން މި ސަރަހައްދަށް މީހުން އެއްވެ މަސައްކަތްނުކުރެވި އެތައް ދުވަސްތަކެއް ދޭ. އެތައް ވަގުތުތަކެއް ގެއްލިގެންދޭ،" މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ