ރާއްޖެ އަށް މި ވަގުތު ޓެރަރިޒަމްގެ ބިރުވެރިކަމެއް ނެތް: ރައީސް ނަޝީދު

ރާއްޖެއަށް މިވަގުތު ޓެރަރިޒަމްގެ ބިރުވެރިކަމެއް ނެތްކަން ކަށަވަރުވާ ކަމަށް ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އެހެން ނަމަވެސް ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް ހަރަކާތްތެރިވަމުން އަންނަގޮތާއި އެ ޖަމާއަތްތަކުގެ ހަރަކާތްތަކުގެ ސަބަބުން ދިވެހިންނަށާއި މުޅި މި ސަރަހައްދަށްވެސް ލިބިދާނެ ގެއްލުންތައް ވަރަށް ބޮޑު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހަފްތާގެ ރޭޑިޔޯ ހިޠާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓެރަރިސްޓް ހަމަލާތަކުން ރައްކާތެރިވުމަށް ރާއްޖެއަށް ބޭރުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި "އެހެންވީމާ އަޅުގަނޑުމެން މިތިބީ އިތުބާރާ އެކުގައި ސަރުކާރަށް މިކަމުގައި ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން ލިބިގެން" ކަމަށެވެ. އެގޮތުން އިންޑިއާ އާއި އެމެރިކާ އާއި ޕާކިސްތާނާއި އިނގިރޭސިވިލާތުގެ ސަރުކާރުން އެހީތެރިކަން ލިބެމުން އަންނަކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި - އެ ގައުމުގެ މީޑިއާއާ ވާހަކަފުޅު ދައްކަވަމުން - ރައީސް ނަޝީދު ވަނީ މިދިޔަ އަހަރު އިންޑިއާގެ މުމްބާއީ އަށް ދިން ވަރުގަދަ ހަމަލާތަކުގައި ދިވެހިންގެ އަތެއްވާ ކަމަށާއި ރާއްޖޭގެ އެތައް ސަތޭކަ ބަޔަކު ތާލިބާނުންނާ ގުޅިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ މިއަދުގެ ހިތާބު މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ބޭރުގެ މީޑިއާގައި އެ ވާހަކަފުޅު ދެއްކެވުމާ ގުޅިގެން އެ މަނިކުފާނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށެވެ. ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންގެ ތެރޭގައި ބައެއް ބާވަތުގެ ވާހަކަތައް ދައްކައި އާންމުކޮށް އުޅުމަކީ މިއަދާ ހަމައަށް އައިއިރުގައިވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި ރަނގަޅު ކަމެއްގެ ގޮތުގައި ފެނިފައެއްނުވޭ" ކަމަށާއި ނަމަވެސް ކަމެއް ގޯސްކޮށް ހިނގާނަމަ އެކަމެއް އާއްމުންނަށް އަންގައި ގަބޫލުކޮށްގެން ނޫނީ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ލިބިފައި ތިބުން ކަމަށާއި ރައްޔިތުން ބައިވެރިވެގެން ނޫނީ އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެކަމަށެވެ.
"އަޅުގަނޑު މިވާހަކަ މިދައްކަނީ ޓުއަރިޒަމާ ނުވަތަ އަޅުގަނޑުމެންގެ އިޤްތިޞާދީ އެހެންވެސް ކަންކަމާ، މިބާވަތުގެ ރާއްޖޭގައި ހިނގާ ކަންކަމާ ހުންނަ ގުޅުން އަދި ހުރެދާނެ ގުޅުން ނޭނގިއެއް ނޫން. އަޅުގަނޑުގެ ނަޒަރުގައި މިކަންކަން މިހެން ހިނގަމުންގޮސް އަޅުގަނޑުމެންނަށް އަތްނުފޯރާ ހިސާބަށް ހުރިހާ ކަމެއްގޮސް ކަންތައްތައް އެންމެފަހު މަރްޙަލާގައި ޖެހުނީމާ ދެން އަޅުގަނޑުމެންނަކަށް އެކަމާ ކުރެވޭނެ ކަމެއް ނޯންނާނެ. ސަރުކާރުން މިގެންދަނީ މިއެންމެހާ ކަންކަން ބަލަމުން. ރާއްޖޭގައި ޙަރަކާތްތެރިވާ މިދެންނެވި ބާވަތުގެ އެކިއެކި ތަމްރީނު ކޮށްގެން ތިބި ދިވެހިން ސަރުކާރަށް އެނގޭ، ފާހަގަވޭ،" ރައީސް ނަޝީދުގެ 21 ވަނަ ރޭޑިއޯ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި ޕާކިސްތާނުގެ ވަޒީރިސްތާނުގައި ހަނގުރާމައިގައި މަދުވެގެން 10 ދިވެއްސަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވެ އެވެ. އަދި ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދުގައި "ދިވެހިންގެ ތެރެއިން ހަމަ ސަތޭކައެއްހާ މީހުން ނުވަތަ އެއާ ގާތްކުރާ އަދަދަކަށް" ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވަމުން އެބަ ދެ އެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ ޕާކިސްތާނުގައި ވެސް "މިދަންނަވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ތަމްރީނު ލިބިގެން ނުވަތަ އެހެންވެސް ކަމެއްގައި ބައިވެރިވުމަށް ނަމަވެސް، އަސްކަރީ ތަމްރީން ލިބި ތިބި މީހުންގެ [ދިވެހިންގެ] ޢަދަދު ސަރުކާރަށް އެނގިފައި އޮތް ގޮތުގައި މިހާރު ސަތޭކައިގެ މައްޗަށް އަރާ ހިނގައްޖެ" ކަމަށެވެ. އަދި ޕާކިސްތާނުގެ ޖަލުތަކުގައި މި ވަގުތު "ދޮޅަހަކަށް" ދިވެހިން އެބަތިބި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މީގެ ހިތާމައަކީ މީގެތެރެއިން މަރުވި ބައެއް ދިވެހިންނަކީ އެމީހުންގެ މައިންބަފައިން، އެކުދިންގެ މައިންބަފައިންގެ ނަޒަރުގައި އެއްވެސް ހާލެއްގައި ރަށް ދޫކޮށް، އާއިލާ ދޫކޮށް، ގައުމު ދޫކޮށް އެކުދިން ދިޔައީކީއެއް ހަނގުރާމައެއް ކުރާކަށް ނޫން. ތައުލީމެއް ހޯދަން. ތައުލީމެއް ހޯދަން އަދި ލިބިދާނެ ކަމަށް އުންމީދުކޮށްގެންދިޔަ އަޅުގަނޑުމެންގެ ޒުވާން ކުދިން މަރުވާން ޖެހުނީމާ، އަޅުގަނޑުގެ ނަޒަރުގައި އެއީ އަޅުގަނޑުމެން ވަރަށް ފުންކޮށް އެކަމާ ގުޅޭގޮތުން ވިސްނާންޖެހޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި މިދެންނެވި ދީނީ އުސޫލު ކަމަށް ބުނެ އަދި ދީނީ ކަންކަމުގެ ނަމުގައި މިހިންގާ މިބާވަތުގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ނުހަނު ގެއްލުމާ ކުރިމަތިލާން އެބަޖެހޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ