ރިޓަޔާކުރި ސިފައިންނާއި ފުލުހުން ރިޓަޔާމަންޓް ފައިސާ ނުލިބި "ހުސް އަތާ"

ފުލުހުންގެ ތެރެއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައިވާ އިސް އޮފިސަރަކު ދާދި ފަހުން ހުކުރުން ފައިބައިވަޑައިގެންނެވި ތަނުން ސިފައިންގެ ތެރެއިން ހަމަ އެފަދަ ގޮތަކަށް ޝަރަފުވެރިކަމާއެކު ރިޓަޔަކޮށްފައިވާ ބޭކަލަކު އޭނައާ ސަލާމްކުރެއްވުމަށް ފަހު ކުއްލި ގޮތަކަށް ރޯން ފެށި އެވެ. އޭނާ އަށް ހަމައެކަނި ބުނެވުނުހާ ވެސް އެއްޗަކީ "އަދިވެސް ނުލިބޭ" މިހެންނެވެ.
"ފެންނަ ފެނުމުން އޭނާ އަށް ހުރީ ވަރަށް އަސަރުކޮށްފައި. އޭނާގެ ބުރަކަށީގައި ފިރުމާލާފައި އަޅުގަނޑު ބުނިން ރިޓަޔާކުރާ ބަޔަކަށް ގާނޫނުގެ ދަށުން ލިބެންޖެހޭ އެއްޗެއް ލިބޭނެޔޭ. ހިތްވަރު ދެރަނުކުރާށޭ. އެހެން ބުނާ އިރަށް ބުނީ ތިޔަ ބޭފުޅާ އަށް ނުލިބޭ އެއްޗެއް ދެން ތިމަންނަމެންނަށް ލިބޭނެ ހެއްޔޭ؟،" ފުލުހުންގެ ރިޓަޔަޑް އޮފިސަރު ނަން ހާމަނުކުރުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.
ސިފައިންގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ސިފައިންގެ 13 އޮފިސަރަކު އޮގަސްޓް ،1 2009 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައިވެ އެވެ. އަދި ނޮވެމްބަރު 2008 އިން ފެށިގެން މި އަހަރުގެ އެކި ހިސާބުތަކުގައި ވެސް ފުލުހުންގެ ގާނޫނުގެ ދަށުން ހަތަރު ފުލުހަކު ވެސް ރިޓަޔަކުރައްވައިފި އެވެ.
އެކަމަކު މި އިން އެއްވެސް ބޭކަލަކަށް ފުލުހުންގެ ގާނޫނުގެ ދަށުން ވެސް އަދި ސިފައިންގެ ގާނޫނުގެ ދަށުން ވެސް ރިޓަޔަމަންޓް ފައިސާއެއް ނުލިބެ އެވެ. އެކަމާ ގުޅިގެން އޭގެ ތެރެއިން ބައެއް މީހުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ބައެއް ބޭކަލުން ވަނީ ގައުމީ ހިދުމަތުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފަ އެވެ. ނަމަވެސް އެހާ ދިގު މުއްދަތެއްގެ ހިދުމަތަށް ފަހު ވަޒީފާ އިން ރިޓަޔާކުރެއްވުމުން މިހާތަނަށް "ހުސް އަތާ" ތިއްބަވަން ޖެހުމަކީ އެއިން އެއްވެސް ބޭކަލަކަށް ގަބޫލުކުރައްވަން ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ގާނޫނެއްގެ ދަށުން ޝަރަފުވެރިކަމާއެކު ރިޓަޔަކުރެއްވުމުން އެ ގާނޫނީ ހިމާޔަތް ލިބޭ ގޮތް ނުވެ ތިއްބެވުމަކީ އިންސާފު ކަމަށް އެ ބޭކަލުން ގަބޫލެއް ނުކުރައްވަ އެވެ.
"އަޅުގަނޑުމެން ހިދުމަތުން ރިޓަޔާކުރިއިރު އަޅުގަނޑަށް ހަމަ ގައިމު ވެސް ހީވެފައިވަނީ ގާނޫނުގެ ހިމާޔަތް އޮތް ކަމަށް. ރިޓަޔާކުރި އިރު އެ އުފާ ލިބެން އޮތް. ފުލުހުންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުގެ ދަށުން އަޅުގަނޑުމެންނަށް އެލަވަންސްތަކެއް ލިބެން އެބަޖެހޭ. އެކަމަކު އެއިން އެއްވެސް އެއްޗެއް މިހާތަނަށް ލިބިފައި ނެތުމުން މިހާރު މި ހުރީ މާޔޫސްވެފައި،" ފުލުހުންގެ ހިދުމަތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައިވާ ފުލުހުންގެ އޮފިސަރަކު ނަން ހާމަނުކުރުމަށް އެދިވަޑައިގަންނަވަމުން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް އަބުރުވެރިކަމާއެކު ދިރިއުޅެން ބޭނުން. މިހާތަނަށް ހިދުމަތުން ރިޓަޔާކުރައްވާފައިވާ ގިނަ ބޭފުޅުންނަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުން އާމްދަނީ ހޯއްދެވުމަށްޓަކައި އެއްވެސް ވިޔަފާރިއެއް ކުރައްވާފައިވާ ނޫނީ އިތުރު މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންނެއް ނޫން. ރިޓަޔާކުރެއްވި ބޭފުޅުންގެ ތެރޭގައި އެބަ ތިއްބެވި ހިދުމަތުގައި ބައި ގަރުނު ހޭދަކުރައްވާފައިވާ ބޭފުޅުން ވެސް. އެހާ ގިނަ ދުވަހު ހިދުމަތްކުރައްވާފައި ރިޓަޔާކުރައްވައި އެއްވެސް އެއްޗެއް ލިބިވަޑައިނުގެން ތިއްބަވަން ޖެހުމަކީ މައްސަލައެއް ކަމަށް އަޅުގަނޑު ދެކެނީ."
ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަކުރައްވާފައިވާ އޮފިސަރަކު ނަން ހާމަނުކުރުމަށް އެދިވަޑައިގެން ވިދާޅުވީ ގާނޫނުގެ އެންމެ މާއްދާއަކަށް އަމަލުކުރައްވާފައި އޭގެ ފަހަތުން އަންނަ އެހެން މާއްދާތަކަށް އަމަލުނުކުރުމަކީ ގާނޫނީ ގޮތުން ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ސިފައިންގެ ވަޒީފާ އިން ވަކިވީ ގާނޫނުގެ މާއްދާއެއްގެ ދަށުން. އެކަމަކު އެ މާއްދާ އަށް އަމަލުކޮށްފައި އޭގެ ފަހަތުން ދެން ހުރި މާއްދާތަކަށް އަމަލުނުކުރުމަކީ އެއްވެސް އިންސާފެއް ނޫން. އަޅުގަނޑުމެން ރިޓަޔާކުރި އިރު އުއްމީދުކޮށްގެން ތިބީ އެއްވެސް މައްސަލައެއް ނުޖެހި އެލަވަންސްތައް ލިބެމުންދާނެ ކަމަށް. އެކަމަކު މިހާތަނަށް އެއްވެސް އެއްޗެއް ނުލިބި މިހެން ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް. ނިކަމެތި ކަމެއް. އަޅުގަނޑުމެންގެ އަގު ވެސް ބަޔަކު ވަޒަންކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސިފައިންގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ރިޓަޔާކުރި ސިފައިންގެ ބޭކަލުން ރިޓަޔާކުރައްވާފައި ވަނީ އޮގަސްޓް ،1 2009 ގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި، ރިޓަޔާކުރެއްވި ސިފައިންނަށް ހިދުމަތުގެ އަގު ވަޒަންކޮށް، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ ހާއްސަ ފަތްކޮޅު ހަވާލުކުރައްވާފައިވެ އެވެ. އަދި އެ ރަސްމިއްޔާތުގައި އެ ބޭފުޅުންނަށް ހިދުމަތުގައި ލިބިލައްވާފައިވާ ކުލަ އާއި މެޑަލް ވެސް ހަވާލުކުރެއްވި އެވެ. މި މެޑަލާއި ކުލައާ އެކު ބައެއް ބޭކަލުން ސްޓޭޖުން ފައިބައިވަޑައިގެންނެވިއިރު ބައެއް ބޭކަލުން ތިއްބެވީ ފެންކަޅިވެފަ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވުމުގެ ސަބަބުން ރަނގަޅަށް ނުހިންގެވޭ ބޭކަލުން ވެސް ތިއްބެވި އެވެ.
އެ ރޭ ހަމަ ގައިމު ވެސް އެ ބޭކަލުންގެ ކުރިމަތީގައި ސަރުކާރުގެ އިސް ވެރިންނާއި ސިފައިންގެ އިސް އޮފިސަރުން ޔަގީންކަން އަރުވާފައިވަނީ ހިދުމަތުން ވަކިވެވަޑައިގެންނެވިޔަސް ސަރުކާރުން ދޭންޖެހޭ ހުރިހާ އެލަވަންސްތައް ބަރާބަރަށް ދެއްވަމުން ގެންދަވާނެ ކަމަށެވެ. މިއީ އެ ބޭކަލުންނަށް އުއްމީދުން ފުރިގެންވާ ވާހަކަތަކަކަށްވި އެވެ. އެކަމަކު މިހާތަނަށް ކަންތައް ވަމުންދަނީ އެހެނެއް ނޫނެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެމްއެންޑީއެފުން ބޭއްވި ނިއުސް ކޮންފަރެންސްގައި ހަވީރުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ ރިޓަޔާމަންޓް ފައިސާ ހަމަނުޖެހި އުޅެނީ ފިނޭންސް މިނިސްޓްރީއާ އެކު އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.
"ކޮންމެކަމެއް ވެސް ގުޅިފައި މި އޮންނަނީ ދައުލަތުގެ ބަޖެޓާ. މީގެ ކުރިން ގަވާއިދު އޮތީ ކޮންމެވެސް ވަރަކަށް އެކުލަވާލެވިފައި. އޭރު ހުރި އަދަދުތައް ވަރަށް މަތީގައި ހުރީ. ފިނޭންސް މިނިސްޓްރީން ގަބޫލުކުރާ މިންވަރަށް ވުރެ ވެސް މަތީގައި ހުރި އަދަދުތަކަކަށް މި ވަނީ. އެހެންވީމަ އެ އަދަދުތަކާ ބެހޭ ގޮތުން އަޅުގަނޑުމެން އަދި ނެގޯޝިއޭޓް ކުރަމުން ދަނީ. މިހާރު ގިނަ ކަންތައްތަކަށް އަޅުގަނޑުމެންނަށް އެއްބަސްވެވިއްޖެ. ދެން އަޅުގަނޑަށް ހީވަނީ މާލަހެއް ނުވެ މިކަން ހައްލުވާނެހެން،" ސްޓޭޓް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
އެހެން ނަމަވެސް އެ މަޝްވަރާތަކުގައި ތިން މަސް ހޭދަވެގެން ދިޔައިރު ގޮތެއް ނުނިމި ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެއީ ހަމައެކަނި ސިފައިންގެ ތެރެއިން ރިޓަޔާކުރި ބޭކަލުންގެ މުއްދަތެވެ. ފުލުހުންގެ ގާނޫނުގެ ދަށުން ބައެއް ބޭކަލުން ރިޓަޔާކުރެއްވިތާ 10 ވަރަކަށް މަސްވެއްޖެ އެވެ. އެ ބޭކަލުންގެ ހާލަތު އަދި މާ ގޯހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ