ގްރީން ކްލައިމެޓް ފަންޑާ ގުޅޭ ބޮޑު ކޮންފަރެންސެއް ފަށައިފި

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް)ގެ އެހީ ހޯދުމަށް ރާއްޖޭގެ ފަރާތުން އިސްކަން ދޭ ދައިރާތައް ކަނޑައެޅުމުގެ މަސައްކަތުގެ ގޮތުން ކައުންސިލުތަކާ އެކު ބޮޑު ކޮންފަރެންސެއް ފަށައިފި އެވެ. ނޭޝަނަލް އާޓް ގެލެރީގައި މިއަދު ފެށި ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ކައުންސިލަކުން ބައިވެރިވެ އެވެ. ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަން ދޭ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތްތަކުގެ ދަށުން މިއަދުގެ ކޮންފަރެންސް އަކީ އެންމެ ފަހު މަސައްކަތް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެ އެވެ. މިިއަދާއި މާދަމާ ކުރިއަށްދާ އެ ކޮންފަރެންސްގައި ޖީސީއެފްގެ ކަންޓްރީ ޕްރޮގްރާމްތައް އެކުލަވާލުމާއި ތިމާވެށީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެންމެ އިސްކަން ދޭންވީ ކަންތައްތައް ތަރުތީބުކުރާނެއެވެ. އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްރޫއުތަކަށް ހޭދަކުރާ މިންވަރު ދަނީ ފަހަކަށް އައިސް ވަރަށް ބޮޑުތަން އިތުރު ކުރަން ޖެހިފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން މިހާރު ކުރަމުން ގެންދާ ހަރަދުތައް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ކުރިއަށްވުރެ ބޮޑަށް ތިމާވެށީގެ ރައްކާތެރިކަމަށް ހޭދަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ތިމާވެށީގެ މަޝްރޫއުތަކަށް ބޮޑެތި ހޭދަތައް ކުރާ އިރު އެ ހޭދަތަކަށް ބޭނުންވާނެ ފައިސާ ހޯދުމަށް "އިނޮވޭޓިވް" ގޮތްތައް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ