ވިސްނުން އިސްނުކޮށްފި ނަމަ ރާއްޖޭގައި ހަނގުރާމައެއް ފެށިދާނެ: ނަޝީދު

ވިސްނުން އިސްނުކޮށްފި ނަމަ ރާއްޖެ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި މުޅި ރާއްޖެ ހަރާބު ވެގެން ދިޔުމުގެ ބިރު ވަރަށް ބުރަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އަހުމަދިއްޔާ ސުކޫލްގެ 2018 ވަނަ އަހަރުގެ އިނާމު ދިނުމަށް ރޭ އެ ސްކޫލްގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހީންގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ކަމާ އެކު ކަންކަން ކުރުމަށް ވާހަކަތައް ދެކެވން ފަށާފައިވާ ކަމަށެވެ. އެގޮތުން ނުބައި މީހަކަށް އެހެން މިހެން ހަދާލަން ޖެހޭ ކަމަށް، ބައެއް މީހުން ފާޅުގައި ބުނަން ފަށާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. "ތިބޭފުޅުންނަށް ޓީވީން ތާއަބަދު ފެންނަމުންދާނެ ރީތިކޮށް ހުންނަ ގައުމުތައް ދެން ފެންނަން ހުންނަނީ ބަޑިވަޅުން ފުރިފައި ހުންނަނަ ދެބައިކުޅާ އެއްބަޔަށް ވެއްޓީފައި ހުންނަ އިމާރާތްތަކެއް. ގާތަށް އެތައް މިތަނަށް އުކިފައި ސަފުސަފަށް ނިކަމެތި ރައްޔިތުން ސަހަރު ސަހަރު ސިޓީ ޓައުން ދޫކޮށް އެތައް މިތަނަށް ހިނގާތަން. ބިކަހާލުގައި ކުޑަކުދިން މައިންބައިންގެ އުރުގައި ރޮމުންދާތަން. އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަވާނީ ހިތަށް ނަރުވައްޗޭ އެމަންޒަރު މި މާލެއިން ނުފެނިދާނެ ކަމަށް. ވަރަށް ބުއްދިވެރި ކަމާއި އެކީގައި ވަރަށް ވިސްނުންތެރިކަމާއި އެކީގައި އަޅުގަނޑުމެންގެ ކަންކަން ނުގެންގޮސްފިނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި މިހަރާބުގެ އައްސޭރިއަށް ތިބޭފުޅުންގެ ޖީލު ގޮސްދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރަނގަޅާ ނުބަޔަކީ އެކި މީހުންގެ މެދުގައި ހިޔާލުތަފާތުވާނެ ކަމެއް ކަމަށާއި އެހެން ކަމުން އެ ހިޔާލު ތަފާތުވުމާ އެކުވެސް އެންމެން އެކުގައި އުޅެވެން ޖެހޭނެ ކަމަށެވެ. އެހެން ނޫޅެވޭ ނަމަ ދެން އެއީ ހަމަނުޖެހުން އުފެދޭ ހިސާބު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. "އޭނާ އެއީ ގޯސްމީހަކަށް ވާތީ އޭނާއަށް ހަދަން ޖެހޭ ގޮތަކީ މިއީއޭ އެކަމު އޭނާ ދެކި ޔުރީ ހަގީގަތުގައި އޭނާ އަކީ ރަނގަޅު މީހާ ކަމަށް، އަދި އެތައް ކިތެންމެ ބައެއްވެސް އެބަދެކޭ އެނާ އަކީ ރަނގަޅު މީހެއްކަމަށް. ހިޔާލު ތަފާތު ވާނެ! ރަނގަޅާއި ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނެ،" ނަޝީދު ވިދާޅުވި އެވެ. ދަރިވަރުންނަށް ނަސޭހަތް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މިހާރު ވަނީ ހަތަރު އަގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. އަދި ރާއްޖެ މިހާލަތުން އަރައިގަނެވޭނީ، މިއަދު އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއަދު އަހަރުމެން ނިންމާ ގޮތްތަކަކުން މާދަމާ އަހަރުމެންގެ މުސްތަގުބަލު ހަރާބު ވެދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެނަށް އެކެއްގެ ހިޔާލު އެއީ ހަޖަމް ނުކުރެވޭ ހިޔާލެއް ކަމަށްވެ އެއާއި އެކީގައި ނޫޅޭވޭ ތަނަށް ދިޔައިމާ އެއީ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބު. އެއީ އަޅުގަނޑުމެން ދާން ބޭނުންވާނެ ތަނެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ