ގޭގެ ކުއްޔަށްވާ ފައިސާ ދެއްކުމަށް ޑެޕިއުޓީ މޭޔަރު ނަރީޝްގެ މައްޗަށް ހުކުމްކޮށްފި

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ކުއްޔަށް ނެގި ދެ ކޮޓެރީގެ އެޕާޓްމެންޓަށް ދައްކަންޖެހޭ 35,365.55 (ތިރީސް ފަސްހާސް ތިންސަތޭކެ ފަސްދޮޅަސް ފަސް ރުފިޔާ ފަންސާސް ފަސް ލާރި) ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. ނަރީޝްގެ މައްޗަށް އެ ދައުވާ ކުރީ, ލ.ގަން, ތުނޑި މެކްސް, އަބްދުއްރަހްމާން އިދުރީސް ކިޔާ މީހެކެވެ. ނަރީޝްގެ މައްޗަށް އޭނާ ދައުވާ ކޮށްފައިވަނީ, މ. އީސްޓްޕިންކް ގޭގެ ފަސް ވަނަ ފަންގިފިލާގައި ހަދާފައިވާ ދެ ކޮޓެރީގެ އެޕާޓްމެންޓަށް ދައްކަން ޖެހޭ ކުލީގެ ތެރެއިން ނުލިބިވާ ފައިސާއާ ކަރަންޓާއި ފެންބިލަށް ދައްކަންޖެހޭ 98,865.55ރ. އެއްފަހަރާ ހޯދުމަށެވެ. އެއީ 2017 ވަނަ އަހަރެވެ. އެ ދައުވާއަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވެފައިވަނީ, ދައުވާކުރި މީހާއަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވިދާޅުވެފައިވަނީ, ދައުވާކުރި މީހާއަށް ނުދެއްކި ވަނީ 35,365.55ރ. ކަމަށާއި އެފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް އެދޭ ކަމަށެވެ. އެ ފައިސާ ނުދެއްކި ވަނީ ދިމާވި މާލީ ދަތިތަކެއްގެ ސަބަބުން ކަމަށް ނަރީޝް ވަނީ ކޯޓުގައި ވިދާޅުވެފައެވެ. ނަރީޝްގެ މައްޗަށް ދައުވާ އުފުލި ފަހުން އޭނާ ވަނީ ގޭގެ ވެރިމީހާގެ އެކައުންޓަށް 35,000ރ ޖަމާކޮށްފައެވެ. އަދި ޑިޕޮސިޓް ފައިސާގެ ގޮތުގައި ނަރީޝް އޮތީ މީގެ ކުރިން 28,000ރ ދައްކާފައެވެ. އެހެން ކަމުން އެ ދެ އަދަދު އުނިކުރުމަށްފަހު, ނަރީޝް ދައްކަން ޖެހެނީ, 35,365.55ރ އެވެ. މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަދި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަމާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕަބްލިކް ރިލޭޝަންސް އެންޑް އިވެންޓް މެނޭޖަރު ކަމުގެ މަގާމު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ