އޭޕްރީލްގެ ނިޔަލަށް ވަގްފް ފަންޑަށް ފައިސާ ފޮނުވަން ހުޅުވާލައިފި

ވަގްފް ފަންޑަށް ފައިސާ ފޮނުވަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުޅުވާލައިފިއެވެ. މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގްފް ފަންޑަށް، އޮންލައިންކޮށް އަދި މިނިސްޓްރީއަށް ގޮސްގެން ވެސް ނަގުދު ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ވަގްފް ފަންޑަށް ފައިސާ ފޮނުވާން މިނިސްޓްރީން ހުޅުވާލީ، އެ ފަންޑުތަކަށް ނަގުދު ފައިސާއިން އެހީތެރިވެދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. މިނިސްޓްރީން ބުނީ، އޭޕްރީލް މަހުގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވާކަމަށެވެ. އޭޕްރީލްގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00ން މެންދުރު 12:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުން ނަގުދު ފައިސާ ބަލައިގަންނަން ހަމަޖެހިފައި ވާއިރު، އޮންލައިން ކޮށް ފައިސާ ބަލައިގަންނަން ހަމަޖެހިފައި ވަނީ ބަނޑޭރިޕޭ މެދުވެރިކޮށެވެ. ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ޖަމާކުރަން ބޭނުންވާ މީހުން ބޭނުންކުރާނީ https://bandeyripay.finance.gov.mv ލިންކް ކަމަށް މިނިސްޓްރީން ބުންޏެވެ. މި ސަރުކާރުގެ މެނިފެސްޓޯގައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ދީނީ އަދި އިޖްތިމާއީ މިނޫންވެސް ކަންކަމަށް ހޭދަކުރުމަށްޓަކައި ވަގްފް ފަންޑުތައް އުފައްދާ އެ ފަންޑުތައް ބެލެހެއްޓޭނެ ހަރުދަނާ، ދެފުށްފެންނަ ގާނޫނީ ނިޒާމެއް ގާއިމު ކުރަން ހިމަނާފައިވެއެވެ. މީގެ އިތުރުން، ދީނީ، ތައުލީމީ އަދި އިޖުތިމާއީ މުއައްސަސާތަކަށާއި ޖަމިއްޔާތަކަށް ވަގްފް ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމާއި، ވަގްފް ކުރެވޭނެ ނިޒާމުގެ ދަށުން ވަގްފްތައް އިތުރުކޮށް، ދިރުވާ އާލާ ކޮށް، ވަގްފް ފަންޑަށް ފައިސާ ހޯދުމަށް ހިންގޭ މަޝްރޫއުތަކުން ލިބޭ ފައިސާ ހަރުދަނާކަމާއެކު ބެލެހެއްޓުން ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ