ބޮޑު މުސާރައާއިއެކު އެޗްއީއޯސީއަށް މުވައްޒަފުން ހޯދަނީ

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވެ އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވާ މި ދަނޑިވަޅުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އެޗްއީއޯސީއަށް ހޯދަން އިއުލާނު ކޮށްފައި ވަނީ ސާމްޕަލް ނަގާނެ މުވައްޒަފުންނާއި، ސަޕޯޓް ސްޓާފުންގެ އިތުރުން މެޑިކަލް އޮފިސަރުންނެވެ.
ހެލްތު މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި ސާމްޕަލް ނަގާ މީހުންގެ ގޮތުގައި 60 މުވައްޒަފުން ބޭނުންވެއެވެ. އެމީހުންގެ މުސާރައަކީ މަހަކު 7500ރ.އެވެ. އަދި ސަޕޯޓް ސްޓާފުންގެ ގޮތުގައި 10 މީހުން ބޭނުންވާއިރު، އެ މީހުންގެ މުސާރައަކީ ވެސް 7،500ރ.އެވެ.
އިއުލާނުގައި ބުނާ ގޮތުން، އެތަނަށް މެޑިކަލް 10 އޮފިސަރުން ބޭނުންވެއެވެ. މެޑިކަލް އޮފިސަރުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓް ވެގެން ކަރަންޓީނުވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަންތައް ހަދައިދީ، އެމީހުނަށް ފަރުވާ ދިނުމަށް ވަގުތީ ގޮތުން އެޗްއީއޯސީގައި މަސައްކަތް ކުރާ މީހުނެވެ. އެމީހުންގެ މުސާރައަކީ 24،240ރ.އެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ 14:00އާ ހަމައަށް މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި މުވައްޒަފުން މަގާމަށް ނަގާނީ ހަ މަސްދުވަހުގެ މުއްދަތަށް ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.
އެޗްއީއޯސީއަށް މުވައްޒަފުން ނަގަން އިއުލާނުކޮށްފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެ ސެންޓަރުގެ މުވައްޒަފުންތަކެއް ވަނީ މުސާރަ ނުދޭކަމަށް ބުނެ އިހުތިޖާޖަށް ނިކުމެފައެވެ.
މިނިސްޓްރީން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފައި މިވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވެ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަށް ބާރުބޮޑުވެ، ބަލި ޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ގިނަ ވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮވިޑްގެ އައު ވޭރިއެންޓް، އޮމިކްރޯން ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެވުން އަންނައިރު، މި ވޭރިއެންޓްގެ 74 ކޭސް ފެނިފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި އިއްޔެ އެކަނިވެސް ރާއްޖެއިން ކޮވިޑަށް 2707 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްއީއޯސީގައި ހިދުމަތް ދިނުމަށް ތިބި މުވައްޒަފުންގެ އަދަދު މަދު ކަމަށް އަބަދުވެސް މިނިސްޓްރީއިން ބުނެއެވެ. ނަމަވެސް އެމީހުންނަށް ލިބެންޖެހޭ ފްރޮންޓް ލައިން އެލަވަންސްތައް ނުލިބޭ ކަމާއި، ލިބުން ލަސްވާ ކަމުގެ ޝަކުވާތައް އަންނަނީ ހުއްޓުމެއްނެތި އިވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ