މަތިވެރިން ޖާބިރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.ފުލުހުން ބުނީ ޖާބިރަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 19 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ.މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެރަށު ޒުވާނުންތަކެއް ނިކުމެ އޭނާ އަށް ވަނީ ހަމަލާދީފަ އެވެ. އަދި ޖާބިރު ވަނީ ފުލުހުންގެ ހިމާޔަތަށްވެސް އެދިވަޑައިގެންފަ އެވެ.މި ފަހުން ޖާބިރުގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް މުޖްތަމައު ލަދުވެތިވާފަދަ އެތައް ކަމެއް ދަނީ އޭނާގެ ފަރާތުން ވެސް ފެންނަމުންނެވެ.ސަރުކާރުގެ ކުންފުނިތައް ހިންގާ ބައެއް އިމާރާތްތަކަށް ގަދަކަމުން ވަދެވަޑައިގަންނަވަން މަސައްކަތް ކުރެއްވުމާއި ކެމްޕެއިން އިވެންޓްތަކަށް ދައުވަތު ނުދެއްވަނީސް ވަޑައިގެން ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވުން ހިމެނެ އެވެ. ދާދި ފަހުން މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮށޯވެ އޮންނަވާވެސް އޭނާ އިހުތިޖާޖެއް ކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އެޑްރެސްކޮށް ޖާބިރު މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އޭނާ މަރާލާނެކަމުގެ އިންޒާރު ތަކުރާރުކޮށް ލިބެމުން އަންނަކަމަށެވެ. އަދި މިފަހުން އއ. މަތިވެރިއަށް ކުރި ޒިޔާރަތުގައި ބަޔަކު ނިކުމެ އޭނާ މަރާލުމަށް ދިން ހަމަލާއިން ސަލާމަތްވެފައިވާކަމަށެވެ.އެހެންކަމުން އޭނާއަކީ މަޖިލީހުގެ މެމްބަރަކަށް އަދި ޑިއާރްޕީގެ ލީޑަރަށް ވީތީ، އެމްއެންޑީއެފް މެދުވެރިކޮށް އެންމެ އަވަސް ގޮތެއްގައި އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ލިބޭނެގޮތް ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ