އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު 50،000ރ. އަށް ވުރެ މައްޗަށް އަރައިފި

ރިއަލް ޖީޑީޕީ ނުވަތަ ގައުމަށް ލިބޭ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު ފުރަތަމަ ފަހަރަށް 50،000ރ. އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓާ ހަވާލާދީ މަރުކަޒީ ބޭންކުން ނެރުނު މިދިޔަ މަހުގެ އިކޮނޮމިކް ރިވިއުގައި ބުނެފައި ވަނީ ރިއަލް ޑީޖީޕީ ރުފިޔާއިން ބޮލަކަށް ޖެހޭ މިންވަރު މި އަހަރު 50،385ރ. އަށް އަރާ ކަމަށެވެ. މިއީ ޑޮލަރުން ބަލާއިރު 3،936 ޑޮލަރެވެ. އަދި ރިއަލް ޖީޑީޕީ ނުވަތަ އެކި ދާއިރާތަކުން އިގްތިސާދު ކުރިއަރާ މިންވަރު މި އަހަރު ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެގޮތުން 2003 ވަނަ އަހަރު 14.2 ޕަސެންޓްގެ ކުރިއެރުމެއް ލިބެމުން އައި ނަމަވެސް މިއަހަރު ކުރިއަރާ މިންވަރު ވަނީ 5.5 ޕަސެންޓަށް ވެއްޓިފަ އެވެ.
އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން 2003 ވަނަ އަހަރުން ފެށިގެން އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އަންނަނީ މަތިވަމުންނެވެ. އެގޮތުން 2003 ވަނަ ބޮލަކަށް ޖެހިފައި ވަނީ 38،134ރ. އެވެ. އަދި އެ އަދަދު 2008 ވަނަ އަހަރު ވަނީ 47،453ރ. އަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ